ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރޭތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހާއްސަ ޓީމެއް އެރަށަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެޗްއީއޯސީގެ ބައްދަލުވުންތައް ޗެއާ ކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެކަމުގެ އަމަލީ މަސައްކަތްތައް ފައްޓަވައިފަ އެވެ. އެގޮތުން ނައިބު ރައީސް ވަނީ އެ ޓީމާއެކު ބައްދަލުވުމެއް މިއަދު ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ކުޅުދުފުއްޓަކީ އުތުރުގެ އިގްތިސޯދުގެ މައި ހަބުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީގައި އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ބައްދަލުވުމުގައި އިދާރާތަކުން ވަނީ މިހާރުގެ ހާލަތަށް ބަލައި އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިއަށް ގެންދެވޭނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް ބުނެފަ އެވެ. އަދި ކުޅުދުއްފުށީގައި އިތުރަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމުގެ ޔަގީންކަން ވެސް އިދާރާތަކުން ދިނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު