ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކަށް ފާޑުކިޔުއްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފިއެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކުޅިވަރުގެ އެސޯސިއޭޝަންތަކާއި، ކުޅިވަރު ހިންގާ ކޮމިޝަންތަކަށް އެކަށޭނެ އުސޫލުތަކެއް ގާއިމް ކުރުމަށް ލަސްވެގެން ދަނީ އެކަމަށް ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލަން ލަސްވުމުން ކަމަށެވެ. ސަރުކާރުގެ ކަންކަން ކުޅިވަރުގައި ހުރީ 1980 ގައި ހުރި ފަދައިން އޮޅުންތަކެއްގެ ތެރެއިން ކަމަށްވެސް ހަސަން ލަތީފް ފާހަގަކުރައްވާފައިވެއެވެ.
"ކުޅިވަރު ކަންކަން މިހުރީ 1980 ވަނަ އަހަރު، އޭރުގެ ސަރުކާރު، ރައީސް މައުމޫން ކަންކަން ކުރެއްވި ގޮތަށް ކުޅިވަރުގެ ކަންކަން މިހުރީ. މިސާލަކަށް ޝަކުވާއެއް ހުށަހަޅާނެ ތަނެއް ހޯދަން އެއީ އުނދަގޫ ކަމެއް. ދެން ޝަކުވާ ހުށަހަޅާނެ ތަނެއް ހޯދައިގެން ޝަކުވާ ހުށަހެޅީމަ ދެން އެވާ ގޮތަށްވެސް ބައްލަވަން އެބަ ޖެހޭ. ބައްލަވާ 1980 ތެރޭގައި އިންތިހާބުތަކުގައި ވާދަކުރައްވާ ފަރާތްތަކުން، ސަރުކާރުން ގަޔާނުވާ ގޮތަކަށް އިންތިހާބުގައި ވާދަކުރާ މީހަކު އިންތިހާބު ނިމުނީމަ ދޫކޮށްލަނީއެއް ނޫން. އެމީހާ ފަހާ ދުވާނެ. މި ސަރުކާރުން ކުޅިވަރުގެ ތެރޭގައި ކުޅިވަރުގެ ކަންކަން ހިނގަމުންދާއިރު އެއަކާ ތަފާތެއް ނެތް. ގާނޫނުތައް އިސްލާހު ނުކޮށް ބެހެއްޓީމަ އެކަން ކުރަން، ވަކި ބަޔަކަށް ބޭނުންވާ ގޮތަކަށް ކަންކަން ނިންމަން ފަސޭހަ ވޭ. ސަރުކާރުގެ ތެރެއިން އެކަން ހިންގަން ތިބި މީހުން އެގޮތަށް ބޭނުންވާތީ،" ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
އެ ވާހަކަތަކަށް ރިއާޔަތްކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ވޭތުވެދިޔަ ދެއަހަރު ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނަވާފައި ކަމަށެވެ.
"ވޭތުވެދިޔަ ދެއަހަރު ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައި. ކުރިއާ އަޅައިބަލާފައި ހުރިހާ ކުޅިވަރަކުންވެސް އެތައް ކުރިއެރުމެއް، އެތައް ކާމިޔާބީއެއް ލިބިފައިވާކަން ކުޅިވަރު އެސޯސިއޭޝަންތައް އަދި އެތުލީޓުން ބަލައިގަންނާނެކަން ކަށަވަރު،" މަހުލޫފް ވިދާޅުވެފައި ވެއެވެ.
ހަސަން ލަތީފްގެ ވާހަކައިގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަލަތައް ފާހަގަކުރައްވާފައި ވެއެވެ. އެ މައްސަލަތަކަށް ގާނޫނު ހަދަން ޖެހޭ ކަމަށާއި، އުސޫލުތައް ހެދިގެން ނޫނީ ހައްލު ނުވާނެކަން ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރާ ހަވާލުވެވަޑައިގެން ކުޅިވަރުގެ ބައެއްކަންކަން އިސްލާހު ކުރައްވާފައި ވެއެވެ. ގައުމީ އަންހެން އަދި ފިރިހެން އެތުލީޓުންނާއި ކުޅުންތެރިންގެ މުސާރަތައް ހަމަހަމަ ކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ބޮޑުތަނުން ހަރުދަނާ ކުރުން ފާހަގަ ކުރެވެއެވެ. 2018 ވަނަ އަހަރުގެ އައިއޯއައިޖީ ގައި ރާއްޖެއިން ގިނަ މެޑަލްތަކެއްވެސް ގެނެސްފައިވާއިރު، ކުރިއަށް އޮތް އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ބިޑްކޮށް، އެ ބިޑްވެސް ސަރުކާރުން ވަނީ ކާމިޔާބު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު