މެންޗެސްޓާ ޔުނައިޓެޑާ މި ސީޒަނަށް ގުޅުނު ފޯވަޑް، އުރުގުއޭގެ އެޑިސަން ކަވާނީ އަދި މެޗަށް ތައްޔާރު ނޫން ކަމަށް ކޯޗު އޮލެ ގުނަ ސޮލްސްޖާ ބުނެފި އެވެ.

މިރޭ ޔުނައިޓެޑުން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު، މެޗު ސްކޮޑުގައި ކަވާނީ ހިމަނާފައެއް ނުވެ އެވެ. އަދި މެޗަށް ކަވާނީ ފްރާންސަށް ގޮސްފައެއް ވެސް ނުވެ އެވެ. ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު އިންގްލެންޑަށް ގޮސް، 14 ދުވަހު ކަރަންޓީނުގައި ހުރެފައިވެ އެވެ. ކަވާނީ އަށް ސެޕްޓެމްބަރު މަހު ކޮވިޑް ޖެހި ރަނގަޅުވެފައިވާއިރު، އޭނާ ޓީމާއެކު ފަރިތަކުރަން ފެށީ މިދިޔަ ހަފްތާގަ އެވެ.

"ކަވާނީ ހުރީ ވަރަށް ފިޓްކޮށް. އޭނާ އަކީ އަބަދުވެސް ފިޓްކޮށް ހުންނަ ކުޅުންތެރިއެއް. އެކަމަކު ޓީމުގެ އެހެން ކުޅުންތެރިންނާއެކު ކުޅެގެން މެޗަށް ތައްޔާރުވާނީ. ކަވާނީ ދަނޑުމައްޗަށް ނުކުމެ މެޗެއް ނުކުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެހެންވީމަ އެކަމަށް ސިކުނޑި ހާނަން ވަގުތު ނަގާނެ. ކަވާނީ އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އެހެންވީމަ ކަވާނީއަށް އެނގޭނެ އޭނާ ކުރަންޖެހޭ މަސައްކަތް. ކަވާނީ ދަނޑު މައްޗަށް ނުކުންނާނީ ރަނގަޅަށް ތައްޔާރުވެ ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު،" ކޯޗު ސޮލްސްޖާ ބުންޏެވެ.

ކަވާނީގެ ކުރީ ކުލަބް ޕީއެސްޖީއާ ދެކޮޅަށް މިރޭ ޔުނައިޓެޑުން ނުކުންނައިރު، ކަވާނީ އެ ކުލަބުން ބަދަލުވީ ބައެއް ކުޅުންތެރިންނާ ޖެހުނު މައްސަލަތަކެއްގަ އެވެ. ހާއްސަކޮށް ކަވާނީ އާއި ބްރެޒިލްގެ ތަރި ނޭމާއާ ދެމެދު މައްސަލަތަކެއް ޖެހުނުކަން ވަނީ މީޑިއާއަށް ވެސް ތިލަވެފަ އެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނެރޭ ޓީމުގެ ސްކޮޑުގައި ކެޕްޓަން ހެރީ މެގުއާ ވެސް ހިމަނާފައެއް ނުވެ އެވެ. އިއްޔެގެ ޕްރެސްގައި ސޮލްސްޖާ ބުނެފައިވަނީ މިރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ މިދިޔަ ސީޒަންގައި އެ ކުލަބާ ގުޅުނު ބްރޫނޯ ފެނާންޑޭޒް ކަމަށެވެ.