އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ 171 ވަނަ ގައުމީ މަޖިލިސް ޖަލްސާ މިރޭ 8:30 ގައި ތާޖުއްދީން ސްކޫލުގައި އޮންނާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު "ވަން" އަށް ވިދާޅުވީ މިރޭ ބާއްވާ ގައުމީ މަޖިިލީހުގެ ޖަލްސާގައި އޮންނާނީ ދާއިރާތަކަށް މެންބަރުން ހޮވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި އިންތިހާބު ބާއްވާނެ ތާރީހުތަކެއް ކަނޑައެޅުން ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތްތަކާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ބައިބައިވުން އުފެދިފަ އެވެ.

އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ އެއީ ޕާޓި އެތެރޭގައި ހިނގާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.