ރޭ އައްޑޫގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗް އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ޝާފީ މުހައްމަދު ވިދާޅުވީ އަނިޔާ ވެފައިވާ ޒުވާނާ މިހާރު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ޝާފީ ވިދާޅުވީ އަނިޔާ ލިބިފައިވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. މި ޒުވަނާ މިއަދު އައިސީޔޫއަށް ބަދަލު ކުރިނަމަވެސް އޭނާގެ "ވައިޓަލް ސްޓޭބަލް" ކަމަށް ޝާފީ ވިދާޅުވިއެވެ. އަދި މިހާތަނަށް އިތުރު ފަރުވާއަށް ޒުވާނާ މާލެ ފޮނުވައިލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޝާފީ ވިދާޅުވިއެވެ.

"ވައިޓަލް ސްޓޭބަލް" ވުމަކީ މީހާގެ ވިންދު، ބްލަޑް ޕްރެޝަރު އަދި މީހާގެ ޓެމްޕަރޭޗަރު އާދައިގެ މިންގަނޑެއްގައި ހުރުމުން ބޭނުންކުރާ މެޑިކަލް ޓާމެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހިތަދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އެ މީހާގެ އަތުގެ ދެ އިނގިއްޔެއްގެ އިތުރުން ހަށިގަނޑުގެ ގިނަ ތަންތަނަށް ހަމަލާދީފައިވެ އެވެ.

އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް "ވަން" އަށް ލިބިފައިވާއިރު އެ ފޮޓޯތަކުން އެމީހާގެ ބަނޑާއި ކޮނޑު ކައިރިއަށް ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާތަން ފެނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 12:28ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް މިއަދު ފުލުހުން ބުނެފައި ވެއެވެ.