އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލުމުގައި އިސްދައުރެއް އަދާކުރެއްވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު، ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމާ އެކު ތިން ބޭފުޅަކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީ އިން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ހަތަރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހަށް ފޮނުއްވިއިރު، ގާސިމްގެ ނަން ފޮނުއްވާފައިވަނީ ވަކިންނެވެ.
އޭގެ ކުރިން އެ ކޮމިޝަންގެ މެންބަރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރެއްވުމަށް 17 ބޭފުޅެއްގެ ނަން މަޖިލީހަށް އޮތީ ފޮނުއްވައިފައެވެ.
އެ 17 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.
އެ ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަން ކުރުމުގެ ޝަރުތު ފުރިހަމަވަނީ ކޮން ބޭފުޅުންނެއްތޯ ބެއްލެވުމަށް ކޮމިޓީން ވަނީ، ސުޕްރީމް ކޯޓާއި ހައިކޯޓާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނާއި ކަސްޓަމްސް އިން ކަމާ ބެހޭ މައުލޫމާތުތައް ހޯދައިފައެވެ.
އެ މައުލޫމާތުތަކަށް ބިނާކޮށް އެ މަގާމުތަކަށް ޝަރުތު ހަމަވާ ބޭފުޅުންނާ ބެހޭގޮތުން އާއްމުން ހިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި، ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެމަގާމަށް ހައިލީ ރެކޮމެންޑެޑް ދެ ބޭފުޅަކާއި ރެކޮމެންޑެޑް ދެ ބޭފުޅަކު ހިމެނޭ ގޮތަށް އޭގެ ތެރެއިން އެ ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް ކޮމިޓީން ފާސް ކޮށް ހަތް ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ.
އޭގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން، ފާސްކުރި ތިން ބޭފުޅުންނަކީ އައިމިނަތު ޝާދިޔާ މ.ޕިސްތާގެ އާއި އައިމިނަތު ޝިއުނާ ގ.ދޫރެސް ވިލާ އާއި ޝުއެއިބު އަބުދުއްރަހުމާން ދަފްތަރު ނަންބަރު 1188 ކެވެ.
ދެން މަޖިލީހުން ފާސްކުރީ ވަކިން މަޖިލީހަށް ފޮނުއްވައިގެން ކޮމިޓީން ފާސްކުރި ގާސިމްގެ ނަމެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން