އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި ތިން ގޯލްގެ ލީޑެއް ގެއްލުވާލައި ވެސްޓް ހަމް ކައިރިން އެއްވަރު ވެއްޖެއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 3-3ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، 3-0ގެ ނަތީޖާއަކުން ޓޮޓެންހަމް ލީޑުގައި އޮތް ނަމަވެސް، ތިންވަނަ ހާފްގައި އެޓީމު ކޮޅަށް ތިން ގޯލް ޖަހައި ވެސްޓް ހަމްއިން މެޗުން ޕޮއިންޓެއް ހޯދިއެވެ.
ރޭގެ މެޗުގައި ގެރެތު ބޭލް ފެނިގެން ގޮސްފައި ވެއެވެ. އެ މެޗަކީ ގިނަ ދުވަސްތަކެއް ޓޮޓެންހަމްގައި ހޭދަކުރުމަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވި ބޭލް، 2709 ދުވަހަށް ފަހު ޓޮޓެންހަމްއަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 72 ވަނަ މިނެޓުގައި ބޭލް ކުޅެން ނުކުމެފައިވާއިރު، ވެސްޓްހަމްއިން ގޯލްތައް ޖެހީ 80 ވަނަ މިނެޓްގެވެސް ފަހުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ހާއްސަކޮށް ހެރީ ކޭން އާއި ހިއުން މިއުން ސޮންގެ ގުޅުން ވަރުގަދަކޮށް ފެނުނެވެ. ދެ މިނެޓްވެސް ނުވަނީސް، ކޭންގެ ބޯޅައަކުން ސޮން ވަނީ ޓޮޓެންހަމް އަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން އަށްވަނަ މިނެޓުގައި ކޭން ދުރުން ފޮނުވާލި ހަމަލާއަކުން ޓޮޓެންހަމް ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. އަދި ހާފް ނިމުމުގެ ކުރިން ސްޕެއިންގެ ސާޖިއޯ ރެގިލޮންގެ ހުރަހަކުން ކޭން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ 3-0 އަކަށް ބަދަލުކޮށްލައިފައެވެ.
ދެވަނަ ހާފް މުޅިން ތަފާތެވެ. ޓޮޓެންހަމް އިން ވަރަށް ބޮޑަށް މަޑުޖެހުނުތަން ފެނި، އެތަނުގެ ފައިދާ ވެސްޓް ހަމްއިން ނެގިއެވެ. ކުޅުން ރަނގަޅުކޮށް، ކެތްތެރިކަމާއެކު ހަމަލާ އުފައްދަން މަސައްކަތް ކުރިއެވެ. 82 ވަނަ މިނެޓުގައި ފަބިއަން ބަލްބުއޭނާގެ ގޯލުން ހިތްވަރު ލިބިގަނެ، ވެސްތްހަމްއިން އެޓޭކް ކުރިއެވެ. ނަތީޖާއަކަށްވީ ދެމިނެޓް ފަހުން އަނެއްކާވެސް ވެސްޓް ހަމްއިން ގޯލް ޖެހުމެވެ. އަރިމަތިން ކުރި ހުރަސް ގޯލް ތެރެއަށް ވަނީ ޓޮޓެންހަމްގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް ފައިގައި ޖެހިފައެވެ.
ނަތީޖާ 3-2ގައި އޮއްވައި ބޭލްއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަތަން ފެނުނެވެ. ވެސްޓް ހަމްއިން ޓޮޓެންހަމް ގެ އުންމީދު ކަނޑުވާލީ މެޗުގެ ފަހު މިނެޓުގައި މެނުއަލް ލަންޒެނީ ދުރުން ޖެހި ހިތްގައިމު ގޯލުންނެވެ.
ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ވެސްޓް ހަމްއިން ތާވަލުގެ އަށްވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކު ފަސްވަނައިގައެވެ.