ރިޕޯޓް

ތޮއްޑޫގެ މަލަމަތީ ބޮޑު ކަރައެއްގެ ދެފަޅި! ކަރަޔާ ރަށާ އޮތް ގުޅުމަށް އޮޅުމެއް ނެތް!

އަލީ ޔާމިން

އއ. ތޮއްޑޫއަކީ، ދަނޑުވެރިކަމަށް ރާއްޖޭގައި މަޝްރޫހު ރަށްތަކުގެ ކުރީގައި ގުނާލެވޭ ރަށެކެވެ. ގިނަ ބަޔަކަށް ތޮއްޑޫ އެނގިފައި އޮންނަނީ ކަރާގެ ދަނޑުވެރި ކަމަށެވެ. ކަރައެއް ވިއްޔާ "ތޮއްޑޫ ކަރާ" ނޫނީ އަރުތެރެއިން އެތެރެ ނުވާ ދިވެހިން ވެސް އުޅޭކަމަށް ވެއެވެ.

ތޮއްޑޫއަކީ ރާއްޖޭގެ ކަރާގެ އެންމެ ބޮޑު ސަޕްލަޔަރެވެ. ނަމަވެސް ބޭރުން އަންނަ މީހަކަށް ނުވަތަ ތޮއްޑޫގެ މައުލޫމާތު ނޭނގޭ މީހަކަށް އެރަށް ހާއްސަވާ ސަބަބެއް ފަހަރުގައި އެނގިފައި ނޯވެދާނެއެވެ. އެހެންކަމުން ތޮއްޑޫ ކައުންސިލުން އިސްނަގައިގެން މިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރު ސަރަހައްދުގައިވެސް އެރަށެއްގެ ނަން ބޯޑު ހުންނަ ފަދައިން ތޮއްޑޫގެ މަލަމަތީގައިވެސް ނަން ބޯޑެއް ބަހައްޓައިފައެވެ. ތަފާތަކީ އެ ނަން ބޯޑަށް އެކަނި ނަޒަރު ހިންގާލި ނަމަވެސް ތޮއްޑޫއަކީ ކަރައަށް ހާއްސަ ރަށެއްކަން އެނގޭނެ ކަމެވެ.

އާބާދީގައި 2،000 ވުރެ ގިނަ މީހުން ދިރިއުޅޭ ތޮއްޑޫ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ތޮއްޑޫއަކީ ރަށު ފަތުރުވެރިކަން ފައްކާވަމުން އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވުމުން އެރަށުގެ ބައެއް ރައްޔިތުން ފަތުރުވެރިކަމުންވެސް ނަފާ ހޯދައެވެ. އެހެންވެ، އެރަށުގެ ނަން ބޯޑުވެސް ހަދާފައިވަނީ ފަތުރުވެރިންގެ ސަމާލުކަންވެސް އެރަށަށް ލިބޭނެ ފަދަ ތަފާތު ޑިޒައިނަކަށެވެ.

ނަން ބޯޑާ ބެހޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ، ރަށުގެ ނަން ބޯޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑް 19ގެ ހާލަތު މެދުވެރިވުމުގެ ކުރިން ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން އެ މަސައްކަތް ކޮންމެވެސް ވަރަށް މެދުކެނޑިފައި އޮތުމަށް ފަހު މިހާރު އެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައި، ނަން ބޯޑު ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ނަން ބޯޑު އެންމެ ފުރިހަމަ ނުވާ ކަމަށާއި ބައެއް އަކުރުތަކުގައި ކުލަ ޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ތަކެތި ގެނައުމުގެ ބައެއް ދަތިތައް ހުރުމުން ލަސްތަކެއް ވި. ދެން ޑިޒައިން ހެދުމުގައި ފުރަތަމަ ނިންމިގެން ދިޔައީ ތޮއްޑޫ އިނގިރޭސި ބަހުން ލިޔާއިރު އޮންނަ ދެ "އޯ" އަކުރަށް ކަރައެއްގެ ސިފަ ޖައްސަން. ނަމަވެސް ނިމުނު އިރު އެންމެންނަށްވެސް އިއްތިފާގުވެވުނީ "ޑީ" އަކުރު ކަރައެއްގެ ސިފަ ޖެއްސުމަށް." ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ތޮއްޑޫގެ ނަން ބޯޑު ހެދުމުގެ މަސައްކަތް ކައުންސިލުން ކުރީ އެރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ގުޅިގެން ކަމަށެވެ. ތިރީހަށް ވުރެ ގިނަ ގެސްޓްހައުސް ހުންނަ ތޮއްޑޫގައި ފަތުރުވެރިކަން އަލުން ކުރިއަރުވަން ޖެހިފައިވާކަން ފާހަގަކޮށް ހަސަން ވިދާޅުވީ، ފަތުރުވެރިންގެ ޝައުގުވެރިކަން ހޯދުމަށް ރީބްރޭންޑިންގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.

ގެސްޓުހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ މިމަހުގެ 15ގައި ދިނުމާއެކު ތޮއްޑޫގެ ބައެއް ގެސްޓްހައުސްތައްވެސް މިހާރު ވަނީ ހުޅުވައިފައެވެ. އަދި އެރަށުގެ ބައެއް ގެސްޓްހައުސްތަކަށް ފަތުރުވެރިންވެސް މިހާރުވަނީ ޒިޔާރަތްކުރަން ފަށައިފައެވެ. ތޮއްޑޫގެ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީއަށް ބަލާއިރު މީގެ ކުރިން އެރަށަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އާއި ޔޫރަޕްގެ ގަައުމު ތަކުންނެވެ.

ތޮއްޑޫގެ ނަން ބޯޑުން ދެ ވައްތަރުގެ (ރީނދޫ އަދި ރަތް) ކުލައިގެ ކަރައެއް ރަމްޒުކޮށްދިނުމުން އެރަށުގެ މަލަމައްޗަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ. ތޮއްޑޫއަށް އަންނަ ކޮންމެ މީހަކަށްވެސް މިހާރު އެރަށް ހާއްސަވާ ސަބަބު އެ ނަން ބޯޑުގެ ސަބަބުން އެނގިގެންދާނެއެވެ. ތޮއްޑޫ ކައުންސިލުން ބުނީ، އެ ނަން ބޯޑަކީ އެރަށް އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެެއިން ކުރެވުނު މުހިންމު އަދި ބޭނުންތެރި މަސައްކަތެއް ކަމަށެވެ. ތޮއްޑޫއާ ކަރަޔާ ވަކިވުމެއް ނެތެވެ. ރަށުގެ މަލަމަތިން ވެސް އެރަށަކީ ކަރަޔަށް ހާއްސަ ރަށެއްކަން އެއްވެސް މީހަކަށް މިހާރަކު ނޯޅޭނެ އެވެ.