މިއަދަކީ ރާއްޖޭގެ 77 ވަނަ ގައުމީ ދުވަހެވެ.
މިއަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ މިނިވަންކުރުމަށް، އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އަޅުގަނޑުމެން އާކުރާ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި އެކި އެކި ބޭފުޅުން ތަހުނިޔާ ވިދާޅުވަމުން ގެންދަވާއިރު، ރާއްޖޭގެ އެންމެ އިސް އެއް މަގާމުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ދުވަހުގެ ތަހުނިޔާ މިއަދު ވިދާޅުވެފައި ވަނީ ތަފާތު ގޮތަކަށެވެ.
މިއަދުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ހަމަ އެންމެ ބަސް ފުޅެކެވެ، އެއީ ހަމައެކަނި، "ގައުމީ ދުވަހުުގެ ތަހުނިޔާ،" އެވެ. ނަމަވެސް އެމަނިކުފާނުގެ އެ ބަސްކޮޅާއެކު އިތުރު ލިޔުމެއް އެމްޑީޕީން ނެރޭ ހަބަރުސިޓީގެ މިހަފްތާގެ އަދަދު ހިމަނުއްވާފައި ވެއެވެ.
ހަފްތާގެ ހަަބަރު ސިޓީގެ ފުތަަމަ ލިޔުމަކީ އެމަނިކުފާނުގެ ލިޔުއްވުމެކެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ވަނީ ބޮޑުތަކުރުފާނު ފަސްދާނު ވަޑުވާފައިވާ ބިހުރޯޒު ކަމަނާ މިސްކިތާއި ބޮޑުތަކުރުފާނާއި ހުރި ގުޅުމުގެ މައްޗަށް ބައްލަވައިލައްވައިފައެވެ.
"އުތީމު ތަކުރާއި ބިހުރޯޒު ކަމަނާ" ނަމުގައި ލިޔުއްވާފައިވާ މި ލިޔުއްވުމުގައި، މިއީ ރާއްޖޭގެ ގައުމީ ދުވަސް ކަމަށާއި، ޒަމާނުއްސުރެ މިދުވަހާ ގުޅުވަނީ އުތީމު ތަކުރުފާނާ ކަމަށް މި ލިޔުމުގައި ވިދާޅުވެފައި ވެއެވެ.
ބިހުރޯޒު ކަމަނާ މިސްކިތަކީ، ދިވެހި ގައުމިއްޔަތާއި ގުޅިފައިވާ މިސްކިތެއް، ކަމަށާއި، އެ މިސްކިތަކީ މިހާރު ރާއްޖޭގައި ވަރަށް މަދުން ހުރި އެބާވަތުގެ މިސްކިތްތަކުގެ ތެރެއިން މިސްކިތެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އެެއީ ވަރަށް ޒަމާންވީ އާސާރީ މިސްކިތެއް ކަމަށާއި، ރާއްޖޭގެ ތާރީހުގެ ކިތަންމެ ހާދިސާއަކާ ވަަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެ މިސްކިތަށް ބިހުރޯޒުކަމަނާ މިސްކިތް ކިޔުނު ގޮތާއި، ބޮޑު ތަކުރުފާނާ ގުޅޭގޮތުންވެސް އެ ލިޔުއްވުމުގައި ތާރީހީ ތަފްސީލްތަކެއް ރައީސް ނަޝީދު ވަނީ ހިމަނުއްވައިފައެވެ.
އެ ލިޔުއްވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި އުފެދުނު ތާރީހު ކޮމިޓީގެ ބެލުމުގެ ދަށުން، އޭރު މާލޭގައި ހުރި ގިނަ މިސްކިތްތަކާއި ގުޅޭ މައުލުމާތު އެއްކުރެވުން ކަމަށެވެ.
އެދުވަސްވަރު ބިހުރޯޒު ކަމަނާ މިސްކިތުގެ ގަބުރުސްތާނުގައި ފެންނާން ހުރި، 30 މަހާނަގަލުގައި ހުރި ލިޔުން ނަކަލުވެފައި އެބަހުރި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ބިހުރޯޒު ކަމަނާ މިސްކިތުގެ ގަބުރުސްތާނުގައި އުތީމު ދެބެއިންނާއި އެ ދެބެއިންގެ ފަހުލަވާނުންގެ އިތުރުން ވަޅުލާފައި ތިބީ، "ކެރަފާ މީހުންނާއި، ބޮޑުފެންވަޅުގޭ ބައެއް ބޭފުޅުންނާއި އަދި ފަހުން އާ ގަނޑުވަރު ބައެއް ބޭފުޅުން،" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.
މި ލިޔުން ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ބިހުރޯޒު ކަމަނާ މިސްކިތް ރަނގަޅަށް ނުބަހައްޓަންވީ އެއްވެސް ސަަބަބެއް ދިވެހިންނަށް ފެނިދާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެ މިސްކިތާއި ޒިޔާރަތާއި އަދި ގަބުރުސްތާނު މިހާރު އެހުރި ގޮތަށް ބެހެއްޓުމަށް ސަރުކާރުން އެދޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"ބިހުރޯޒު ކަމަނާ މިސްކިތް ރަނގަޅަށް ނުބަހައްޓަންވީ އެއްވެސް ސަބަބެއް ދިވެހިންނަށް ފެނިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ މިސްކިތާއި ޒިޔާރަތާއި އަދި ގަބުރުސްތާނު މިހާރު އެހުރިގޮތަށް ބެހެއްޓުމަށް ސަރުކާރުން އެދޭ،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ބޮޑު ތަކުރުފާނުގެ ކުރެއްވި ޖިހާދާ ބެހޭ ގޮތުން މަޖިލިސް ރައީސްގެ ލިޔުއްވުމުގައި ހަމައެކަނި ވިދާޅުވެފައި ވަނީ ދެ ވާހަކައެކެވެ. އެއީ ބޮޑުތަކުރުފާނުގެ ވާހަކައަށް ނިސްބަތް ކުރައްވައި އެ ތަކުރުފާނު މާލެ ހިއްޕެވީ، 1573 ވަނަ އަހަރުކަމަށް ލިޔުއްވާފައިވާ ލިޔުއްވުމާއި، ބޮޑު ތަކުރުފާނާއި ހަސަން ތަކުރުފާނުގެ އިތުރުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގެ ހަނގުރާމައިގެ ހުރިހާ ފަހުލަވާނުންހެން ވަޅުލާފައި ވަނީ ބިހުރޯޒު ކަމަނާ މިސްކިތުގެ ގަބުރުސްތާނުގައި ކަމަށް ލިޔުއްވާފައިވާ ލިޔުއްވުމެވެ.
އޭގެ އިތުރުން ބޮޑުތަކުރުފާނުގެ ޖިހާދާ ބެހޭ ގޮތުން ލިޔުއްވައިފައެއް ނުވެއެވެ. މިދުވަހުގެ މުނާސަބަތުގައި އެހެން ބޭފުޅުން ދެއްވި ފަދަ ގައުމިއްޔަތުގެ ވާހަކަތަކެއްވެސް ލިޔުއްވައިފައެއް ނުވެއެވެ. ރައްޔިތުންނަށް އެއްވެސް އިލްތިމާސެއް ވެސް އެމަނިކުފާނު ކުރައްވާފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް