ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖެއަށް އަރައި އިސްތިއުމާރުކުރީ ހަމަ ޕޯޗުގީޒުންނެވެ!

މުހައްމަދު ނާޖިހު

2

މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. ގައުމީ ދުވަހޭ މިކިޔެނީ 1 ރަބީއުލްއައްވަލް 981 ވަނަ ދުވަހު ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޕޯޗުގީޒުން ބަލިކޮށް، ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އެކުވެރީން ދިވެހިރާއްޖެ މިނިވަންކޮށް، ދިވެހިގައުމުގެ ވެރިކަން ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވި ދުވަހަށެވެ.

އާދެ! ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމާއި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ ވާހަކަ ދެކެވެމުން އަންނަ މި ދަނޑިވަޅުގައި އެއްބަޔަކު އުފައްދަމުން ގެންދާ ސުވާލަކީ ދިވެހިރާއްޖެއަށް ޕޯޗުގީޒުން އެރިބާވައެވެ؟ ޕޯޗުގަލްއަށް އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިގެންވޭ ހެއްޔެވެ؟ ޕޯޗުގަލް އަރުޝީފުގައި އެ ކަމުގެ ރެކޯޑެއް ވޭހެެއްޔެވެ؟ ދިވެހިރާއްޖެއަށް އެރީ ކަނޑުފޭރޭ މީހުން ނޫންހެއްޔެވެ؟ މި ޒާތުގެ ކިތަންމެ ސުވާލެކެވެ. މި ހާދިސާއާ ގުޅިގެން ބައެއް މީހުން ކުރާ މިނޫން ކިތަންމެ ސުވާލެއްވެސް އެބަހުއްޓެވެ. އެހެންނަމަވެސް މިލިޔުމުގައި އަޅުގަނޑު ބަޔާންކޮށްލަން ގަސްތުކުރަނީ އިސްވެ ދެންނެވުނު ސުވާލުތަކަށް ޖަވާބެއް ލިބޭ ކަހަލަ ވާހަކަތަކެކެވެ. އަދި މިލިޔުމުގައި ބޮޑަށް އަލިއަޅުވާލާނީ ޕޯޗުގީޒުންގެ ރެކޯޑުތަކުންނާއި އެބައިމީހުންގެ ލިޔެކިޔުންތަކުން ލިބެން ހުރި މައުލޫމާތުތަކަށެވެ.

އާދެ! ޕޯޗުގީޒުންގެ ބަޔަކު ދިވަހިރާއްޖެ މި އޮންނަ އިންޑިޔާ ބައްރުގެ ސަރަހައްދަށް އެންމެ ފުރަތަމަވެސް އައީ މީލާދީން 1498 ގައެވެ. އެއީ ޕޯޗުގީޒު ސައްޔާހު ވަސްކޯ ޑާ ގާމާ ޔޫރަޕުން އެޓްލާންޓިކް ކަނޑުން ދަތުރުކޮށްފައި އައިސް ކޭޕް އޮފް ގުޑް ހޯޕް ވަށާލައި އެފްރިކާގެ އައްސޭރިފަށުން އިންޑިޔާ ކަނޑަށް ވަދެގެން އައި ތާރީޚީ މަޝްހޫރު ދަތުރެވެ. މިހިސާބުން ފެށިގެންވެސް ޕޯޗުގީޒުންނަށް ދިވެހިރާއްޖެއާ ބެހޭ މައުލޫމާތު އޮތީ ލިބިފައި ކަމަށް އެމީހުންގެ ރެކޯޑުތަކުން ދައްކައެވެ. މިގޮތުން ޕޯޗުގަލްގެ ރަސްގެފާނު މެނުއަލް 1، އިންޑިޔާ ކަނޑުގެ ކަންކަން ބަލަން ކެޕްޓަނެއްގެ ގޮތުގައި ފޮނުއްވި ވިންސެންޓޭ ސޮދްރޭ މީލާދީން 1502-1503 ގައި ދިވެހިރާއްޖެއަށް އައިސް ރާއްޖޭގެ 4 އޮޑިއެއް ފޭރުނުކަމަށް އެމީހުންގެ ތާރީޚުގައި ބަޔާންކޮށްފައިވެއެވެ. (ކޮހޭޔަ، ގެސްޕާ، ލެޖެންޑްސް އޮފް އިންޑިއާ، 1556 މ.) މިއީ މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރެވެ.

ޕޯޗުގީޒުން އިންޑިޔާ ބައްރަށް އައި ތަނާހެން ދިވެހިރާއްޖޭގެ މައުލޫމާތު ލިބި، ދިވެހިރާއްޖޭގެ މައްޗަށް އެމީހުންގެ ޝައުގުވެރިކަން އޮތް ނަމަވެސް މި ޝައުގުވެރިކަން އިތުރުވެގެން ދިޔައީ 16 ވަނަ ގަރުނުގެ ފުރަތަމަ 10 އަހަރުގެ މެދުތެރޭގެ ދުވަސްވަރުގައެވެ. މި ދުވަސްވަރަކީ އިރުމަތީ އޭޝިޔާގެ މުސްލިމު އުޅަނޅުފަހަރު ވިޔަފާރި ދަތުރުތަކުގައި އިންޑިޔާގައި ޕޯޗުގީޒުން އުޅޭ މަލާބާރު އަދި ގޯއާ ސަރަހައްދަށް ނުގޮސް ދިވެހިރާއްޖެއަށް އައިސް ރާއްޖެއިން އެމީހުންގެ ދަތުރަށް ބޭނުންވާ ކަންކަން ހަމަޖައްސަމުން ގެންދިޔަ ދުވަސްވަރެވެ. އިރުމަތީ އޭޝިއާގެ މިފަދަ އުޅަނދުތައް އަތުލައިގަތުމަށްޓަކައި ޕޯޗުގަލް ރަސްގެފާނުގެ ފަރާތްޕުޅުން ޕޯޗުގީޒު އިންޑިޔާ ދައުލަތަށް ފުރަތަމަ ކަނޑައެޅި ގަވަރުނަރު އަދި ވައިސްރޯއީ ޑޮމް ފްރޭންސިސްކޯ ޑި އަލްމެއިޑާ 1506 ގައި އޭނާގެ ދަރިފުޅު ޑޮމް ލޮރެންކޯ ޑި އަލްމެއިޑާ ދިވެހިރާއްޖެއަށް ފޮނުވާފައިވެއެވެ. (ކަސްޓަންހެޑާ، ހިސްޓްރީ އޮފް ދަ ޑިސްކަވަރީ އެންޑް ކޮންކުއެސްޓް އޮފް އިންޑިއާ ބައި ދަ ޕޯޗުގީޒް، 1551 މ.)

އަދި ހަމަ އެހެންމެ މީލާދީން ސަނަތުން 1508 ވަނަ އަހަރު ޕޯޗްގަލްގެ ރަސްގެފާނު ޑީ މެނުއަލް 1 ގެ އަމުރުފުޅަށް، ދިވެހިރާއްޖެ ހުރަސްކޮށް އިރުމަތީ އޭޝިއާ އާއި މަޑަގަސްކަރައާއި ދެމެދު ކުރާ ވިޔަފާރިތައް ބަލައި ދިރާސާކުރުމަށްޓަކަ ޑިއޯގޯ ލޯޕޭސް ޑި ސެކެއިރާ ދިވެހިރާއްޖޭގެ ސަރަހައްދަށް އައިކަން ޕޯޗުގީޒް އިންޑިޔާގެ ގަވަރުނަރު އަފޮންސޯ ޑި އަލްބުކޭރްކީގެ ސިޓީތަކުން ހާމަވެއެވެ. (އަފޮންސޯ ޑި އަލްބުކޭރްކީ، ކަރްތާސް ޑި އަފޮންސޯ ޑި އަލްބުކޭރްކީ، 1507-1515 މ.) އަދި ހަމަ އެހެންމެ މި ލިޔެކިޔުންތަކުން ގަވަރުނަރު އަފޮންސޯ ޑި އަލްބުކޭރްކީ އަށް ދިވެހިރާއްޖެ މުހިއްމުވެފައި އޮތް މިންވަރު ހާމަވެގެންދެއެވެ.

ޕޯޗުގީޒުން ދިވެހިރާއްޖެއަށް އޮތް ޝައުގަކީ ދިވެހިރާއްޖެއިން ކޮންމެ އަހަރަކު ބޭރުކުރަމުން ދިޔަ ރޯނާއި ހިކިމަހުގެ ވިޔަފާރީގެ ކޮންޓްރޯލް އަތުލުމަށް އޮތް ޝައުގެވެ. އަދި ހަމަ އެހެންމެ ވިޔަފާރިކަމު ދިވެހިރާއްޖެ އަންނަ އުޅަނދުފަހަރުން ދިވެހިރާއްޖެއަށް ލިބެމުން އައި ނަފާ އެމީހުންނަށް ލިބިގަތުމުގެ ބޭނުމެވެ.

ޕޯޗުގީޒުންގެ ޝައުގުވެރިކަން ދިވެހިރާއްޖޭގެ މައްޗަށް އުފެދިފައި އޮތް މި ދުވަސްވަރުގައި ރާއްޖޭގައި ހިނގި ކަމާ ގުޅުން ހުރި މުހިއްމު އެއް ހާދިސާއަކީ މީލާދީން 1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ތަޚުތުން ބާލުއްވައި އެ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ހަސަން 7، ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގެންނެވިއެވެ. މި އަހަރަކީ އިންޑިޔާގައި ގާއިމުވެ ތިބި ޕޯޗުގީޒުން ގަވަރުނަރު އަލްބުކޭރްކީގެ ވެރިކަމުގެ ދަށުން ގޯވާ ހިފައި އެމީހުންގެ ބާރުގެ ދަށަށް ގެނެސް އިންޑިޔާގައި އެމީހުންގެ ފައިތިލަ އިހުނަށްވުރެ ބޮޑަށް ސާބިތުކުރި އަހަރެވެ.

ކަޅު މުހައްމަދު ރަސްގެފާނަކީ ތީމުގޭ ދަރިކޮޅަށް ފަހު ނުވަތަ ބައެއް ބޭފުޅުން ވިދާޅުވާ އުމަރުވީރު ދަރިކޮޅަށް ފަހު ދިވެހިރާއްޖޭގައި ރަސްކަންކުރި ދަރިކޮޅެވެ. މީލާދީން 1388 ގައި ހިލާލީ މުސްކުޅި ހަސަން ރަސްގެފާނުން ފެށިގެން މީލާދީން 1552 ގައި 9 ވަނަ ހަސަން ރަސްގެފާނު ދިވެހިރާއްޖެ ދޫކުރެއްވުމާ ހަމައަށް 27 ރަސްކަލަކު އެކި ފަހަރުމަތިން ރަސްކަން ކުރައްވާފައި ވެއެވެ. މީގެ ތެރެއިން ދެތިން ރަސްކަލެއް ފިޔަވައި ރަސްކަންކުރެއްވީ މުޅީންވެސް ހީލާލީންނެވެ. މި މުއްދަތުގައި މިހާ ގިނަ ރަސްރަސްކަލުން ރަސްކަންކުރައްވާފައި ހުރުމުން ހިލާލީންގެ ރަސްކަމުގައި އޮތް ސިޔާސީ ދެކޮޅުވެރިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އާދެ! މިކަން ވީ ޕޯޗުގީޒުންނަށް ރާއްޖޭގެ މައްޗަށް އަތްގަދަކުރަން ލިބިގެން ދިޔަ ރަނުގެ ފުރުސަތަކަށެވެ.

އާދެ! 1510 ގައި ކަޅު މުހައްމަދު ރަސްގެފާނު ދުރުކުރައްވައި ރަސްކަމަށް އިސްވެވަޑައިގެންނެވި 7 ވަނަ ހަސަން ރަސްގެފާނު 2 އަހަރެއް ފަހުން އަވަހާރަވިއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގެންނެވީ މައްކާގެ އަރަތްބެއް ކަމަށްވާ ޝަރީފް އަހުމަދު ރަސްގެފާނެވެ. އޭނާވެސް 2 އަހަރެއް ފަހުން އަވަހާރަވީއެވެ. ދެން ރަސްކަމަށް ވަޑައިގަތީ 5 ވަނަ އަލިރަސްގެފާނެވެ. ދިވެހީން ބޯދާ ވާހަކައިގައި ކިޔާ ގޮތުން މި 5 ވަނަ އަލިރަސްގެފާނުގެ އުޚުތު މަޝްހޫރު ބުރަކިރަނީން އޭނާއަށް ލިބެން އޮތް ރަސްކަން އަލީއަށް ލިބިގެން އެރަސްކަން އޭނާގެ މައްޗަށް އަނބުރާލެއްވުމަށްޓަކައި އިހު ރަސްކަންކުޅަ ކަޅުމުހައްމަދު ރަސްގެފާނާ ކައިވެނި ބައްލަވަން އުޅުއްވުމުގެ ތެރޭގައި އަލިރަސްގެފާނު، ކަޅުމުހައްމަދު ރަސްގެފާނު ހުވަދުއަތޮޅު ވާދުވަށް އަރުވާލެއްވިއެވެ. ދެން ބުރަކިރަނީން އަލިރަސްގެފާނު އަރިހުން ހުއްދަ ހޯއްދަވައިގެން ކަޅުމުހައްމަދު ރަސްގެފާނު އަރިހަށް ވާދުވަށް ވަޑައިގަންނަވަން ނިކުންނަވާފައި ގާފަރު ކަޅުއުނބުށޭމާ އެކީ އޮޑީގައި އަސޭކަރައަށް ވަޑައިގެން އެތާނގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ގޯވާއަށް ވަޑައިގެންނެވިއެވެ. އަދި ގޯވާގެ ޕޯޗުގީޒު ވައިސްރޯއީގެ މަދަދު ހޯއްދަވައިގެން ރާއްޖޭގެ ތަޚުތު ހޯއްދަވައި ވާދޫގައި ހުންނެވި ކަޅުމުހައްމަދު ރަސްގެފާނު ގެންނަވައި ރަދުންނާ ކައިވެނި ބައްލަވައި ކަޅުމުހައްމަދު ރަސްގެފާނު ތަޚުތުގައި ވޮޑުވިއެވެ. މިއީ ބުރަކިރަނީންގެ ވާހަކައިގެ ކުރު ޚުލާސާއެކެވެ.

ބުރަކި ރަނީންގެ މުޅި ވާހަކައިގެ ތެދުދޮގު ކަށަވަރު ނުވިކަމުގައިވިޔަސް ޕޯޗުގީޒުންގެ މަސްދަރުތަކުން ބުރަކިރަނީން ނަކީ މިދެންނެވުނު ދުވަސްވަރު ދިވެހިރާއްޖޭގައި މުހިއްމު ދައުރެއް ކުޅުނު ޝަޚުސިއްޔަތެއްކަން އެނގެއެވެ. (ރާމޯސް ކޮއެލްހޯ، 1892) އަދި މިކަމުގެ ތެރޭގައި ކަޅުމުހައްމަދު ރަސްގެފާނު އަދާކުރެއްވި ދައުރުވެސް ޕޯޗުގީޒު ރަސްމީ މަސްދަރުތަކުގައި ބަޔާންވެގެންވެއެވެ. މިގޮތުން ކަޅުމުހައްމަދު ރަސްގެފާނު އަލުން ރަސްކަން ހޯއްދެވުމަށްޓަކައި ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯދެއްވި ކަމަށް އެ މަސްދަރުތަކުގައި ބަޔާންކޮށްފައިވެއެވެ. (އަފޮންސޯ ޑި އަލްބުކޭރްކީ، ކަރްތާސް ޑި އަފޮންސޯ ޑި އަލްބުކޭރްކީ، 1507-1515 މ.)

ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި އެޗް.ސީ.ޕީ ބެލް އޭނާ ރާއްޖޭގެ މައްޗަށް ލިޔުއްވި މޮނޮގްރާފްގައި އެ ވާހަކަ ގެންނަވާފައިވަނީ މިފަދައިންނެވެ. ދެވަނަ ފަހަރަށް ރަސްކަމުން ދުރުކުރެވުނު ކަޅުމުހައްމަދު ރަސްގެފާނު އަނެއްކާވެސް މަލާބާރު އައްސޭރިއަށް ވަޑައިގެން އޭނާއަށް އަލުން ރަސްކަން ހޯއްދަވައިދެއްވައިފި ނަމަ ރާއްޖެއިން ކޮންމެ އަހަރަކުވެސް ޖިޒީ ދައްކާނެ ކަމަށް އެއްބަސްވެވަޑައިގެން ކަންނަންނޫރު އަލީރާޖާ އާއެކު އަހުދުނާމާއެއްގައި ސޮއިކުރެއްވިއެވެ. މި އަހުދުނާމާގެ ދަށުން ކަންނަންނޫރު އަލީރާޖާގެ ސިފައިން ރާއްޖެއަށް ފޮނުއްވިއެވެ. އަލީރާޖާގެ ސިފައިން ރާއްޖެއަށް ދިޔަ ދަތުރުމަތީގައި ޕޯޗުގީޒުންގެ އުޅަނދުތަކަކުން އެ އުޅަނދުތަކަށް ހަމަލާދީ އަލީރާޖާގެ އުޅަނދުތަކުގައި ތިބި ސިފައިން ރަހީނުކޮށް ބަދަލުގައި ބޮޑު އަދަދެއްގެ ފިދުޔައެއް ދިނުމަށް އެންގި އެވެ. ދެން އެއަށްފަހު ޕޯޗުގީޒުންގެ މިއުޅަނދުތަކާއި އަލީރާޖާގެ ސިފައިންނާ އެއްބައިވެގެން ގޮސް މާލެއަށް ހަމަލަދީ ކަޅުމުހައްމަދު ރަސްގެފާނަށް ރަސްކަން ހޯދައިދިނެވެ. އެއީ މީލާދީން 1513 ނުވަތަ 1514 ވަނަ އަހަރެވެ.

މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށް މަލާބާރުގެ މާމަލޭ މަރައްކާރުގެ ބާރު އިންތިހާއަށް އޮތް ދުވަސްވަރެވެ. އެހެންނަމަވެސް އެ ދުވަސްވަރު ގޯވާގެ ޕޯޗުގީޒުންގެ ނާފަހަރުވެސް ރާއްޖެއަށް އައިސް އުޅުނެވެ. މިގޮތުން 1518 ގައި އިންޑިޔާގެ ޕޯޗުގީޒު ގަވަރުނަރު ލޯޕޯ ސޮއަރޭސް މާލެއަށް 4 ނާ ފޮނުއްވިއެވެ. (ކަސްޓަންހެޑާ، ހިސްޓްރީ އޮފް ދަ ޑިސްކަވަރީ އެންޑް ކޮންކުއެސްޓް އޮފް އިންޑިއާ ބައި ދަ ޕޯޗުގީޒް، 1551 މ.) މި ދަތުރުގެ ވެރިއަކަށް ފޮނުއްވީ ޖޮއާއޯ ޑަ ސިލްވެއިރާއެވެ. ހަމަ އެ އަހަރު ޕޯޗުގަލްގެ ރަސްގެފާނު މެނުއަލް 1، މި ޖޮއާއޯ ޑަ ސިލްވެއިރާއަށް ސިލޯނުގައި ތިބޭ ޕޯޗުގީޒުންގެ ފުރަތަަމަ ވެރިޔާގެ ގޮތުގައި ސިލޯނަށް ފޮނުއްވިއެވެ. ޖޮއާއޯ ޑަ ސިލްވެއިރާގެ މި ދަތުރުގައި ކަޅުމުހައްމަދު ރަސްގެފާނު ޕޯޗުގީޒުންނަށް އަހަރަކު 750 ބަހަރު ރޯނާއި ރާއްޖެއިން ލިބޭ މާވަހަރުގެ ދެބައިކުޅަ އެއްބައި ދޭން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މާލޭގައި ޕޯޗުގީޒުންގެ ވިޔަފާރިއަށް ފެކްޓްރީއެއް ގާއިމުކުރާނެ ބިމެއްވެސް ކަނޑައެޅުއްވިއެވެ. އެހެންނަމަވެސް މިކަމުގެ ތެރެއަށް މާމަލޭ ވަދެ ރާއްޖޭގެ ވިޔަފާރީގެ ކަންތައް އޭނާއަށް ދޫކޮށްފިނަމަ އެއަދަށް އޭނާ ޕޯޗުގީޒުންނަށް އަހަރީ ވެދުން ދޭން ބުނެގެން ގަވަރުނަރުގެ ފަރާތުން މި ގޮތަށް އެއްބަސްވެގެން ނިމުނެވެ. (ރާމޯސް ކޮއެލްހޯ، 1892)

ލޯޕޯ ސޮއަރޭސްއަށް ފަހު އިންޑިޔާގެ ޕޯޗުގީޒު ދައުލަތުގެ ގަވަރުނަރަކަށްވީ ޑިއޯގޯ ލޯޕޭސް ޑި ސެކެއިރާ، މާމަލޭ އާއެކު ވީ އެއްބަސްވުން އުވާލި އެވެ. އަދި ދިވެހިރާއްޖޭގައި ޕޯޗުގީޒުންގެ ކޮންމެވެސް މިންވަރެއްގެ ބާރުވެރިކަމެއް ގާއިމުކުރުމަށްޓަކައި 1518 ނޮވެންބަރު ގައި މާލެއަށް ޖޮއާއޯ ގޯމޭޒް ޗެއިރާޑިންހެއިރޯ ފޮނުވިއެވެ. އަދި މާލޭގައި ޕޯޗުގީޒުންގެ ބުރުޒެއް ރޭނުމުގެ ހުއްދައަކަށް އެދުނެވެ. ކަޅުމުހައްމަދު ރަސްގެފާނު މާލެއިން މާމަލޭގެ ނުފޫޒު ނައްތާލުމަށްޓަކައި މި ފުރުސަތުގެ ބޭނުން ހިއްޕަވައި އެކަމުގެ ހުއްދަ ދެއްވިއެވެ. (ކަސްޓަންހެޑާ، ހިސްޓްރީ އޮފް ދަ ޑިސްކަވަރީ އެންޑް ކޮންކުއެސްޓް އޮފް އިންޑިއާ ބައި ދަ ޕޯޗުގީޒް، 1551 މ. / ރާމޯސް ކޮއެލްހޯ، 1892)

ގޯމޭޒް މާލޭގައި ބުރުޒު ގާއިމުކުރުމަށް ފަހު މާލޭގައި އޮތް ވިޔަފާރީގެ ކޮންޓްރޯލް އަތުލައި މާލޭ ބަނދަރަށް އަންނަ އުޅަނދު ފަހަރުން ފޭރެންވެސް ފެށިއެވެ. މި ކަންތައްގަނޑުގެ ތެރޭގައި މާމަލޭ މާލޭގައި ތިބި އޭނާގެ ވިޔަފާރި އެޖެންޓުން އައްޑުއަތޮޅައި ހުވަދުއަތޮޅަށް ފޮނުވައި އޭނާގެ ވިޔަފާރި އެކޮޅަށް ބަދަލުކުރިއެވެ. (ރާމޯސް ކޮއެލްހޯ، 1892) 1521 ގައި ރާއްޖެއިން ބޭރު ބަޔަކު މާލޭގައި ތިބި ޕޯޗުގީޒުންނަށް ހަމަލާދީ އެމީހުން ގަތުލުކޮށް އެމީހުންގެ އުޅަނދުތަކުގައި ހުޅުޖެހިއެވެ. މިއަށްފަހު އަނެއްކާވެސް ދިވެހިރާއްޖޭގެ ވިޔަފާރީގެ ކޮންޓްރޯލް މަލާބާރީންނަށް ލިބިގެންދިޔައެވެ. އަދި މިއަށްފަހު ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި ޕޯޗުގީޒުން ކުރި މަސައްކަތްތައް ނާކާމިޔާބުވެ ގިނަ ދުވަސްތަކެއް ވާންދެން މި ގޮތަށް އޮތެވެ.

މީލާދީން 1529 ވަނަ އަހަރާ ހަމައަށް ކަޅުމުހައްމަދު ރަސްގެފާނު ރަސްކަމުގައި ހުންނެވިއެވެ. އެ އަހަރު އޭނާ އަވަހާރަވުމުން ރަސްކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ދަރިކަލުން ޝީރާޒީ ހަސަން ރަސްގެފާނެވެ. ޝީރާޒީ ހަސަން ރަސްގެފާނުގެ ރަސްކަމުގައި އަމިއްލަ ދަތުރުތަކުގައި ރާއްޖެއައިސް ކަނޑުފޭރޭ ޕޯޗުގީޒުންގެ ދުއްތުރާވެސް ރާއްޖެއަށް ފޯރިއެވެ. އެކަމާ ޝީރާޒީ ހަސަން ރަސްގެފާނު ޕޯޗުގީޒު ގަވަރުނަރަށް ޝަކުވާކުރެއްވުމުން އަމިއްލަ ވިޔަފާރި ދަތުރުތައް ރާއްޖެ ކުރުން ޕޯޗުގީޒުންނަށް މަނާކުރެއްވިއެވެ. އަދި އެކަން އެގޮތަށް ތަންފީޒުކުރެއްވުމަށްޓަކައި ގަވަރުނަރުގެ ފަރާތުން އުޅަނދުތަކަކާއެކު ޖެރޯނިމޯ ބުޓުކުއާއޭ ކިޔުނު މީހަކު ފޮނުއްވިއެވެ. (ޖޯޖް ޝޫރްހެމަރ، ފްރޭސިސް ޒޭވިއަރ: ހިޒް ލައިފް، ހިޒް ޓައިމްސް، 1976 މ.)

ޝީރާޒީ ހަސަން ރަސްގެފާނުގެ 21 އަހަރުގެ ރަސްކަމަށް ފަހު އެރަދުން އަވަހާރަވީމާ ރަސްކަމަށް އިސްވެވަޑައިގެންނެވީ އެރަދުންގެ އެއްބަފާ އަޚުގެ ދަރިކަލުން މުހައްމަދު ރަސްގެފާނެވެ. މިއީ ކަޅުމުހައްމަދު ރަސްގެފާނުގެ ކާފަދަރިކަލެކެވެ. މިރަދުންގެ ރަސްކަމަށް 2 އަހަރާ 4 މަސް ވީ ތަން މި ރަދުންގެ އަޚު މި ރަދުން ގަތުލުކުރެއްވުމަށްފަހު ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގެންނެވިއެވެ. މިއީ މަޝްހޫރު 9 ވަނަ ހަސަން ރަސްގެފާނެވެ. ދިވެހި ތާރީޚު ބުނާ ގޮތުން ރަސްކަމުގައި ދެ އަހަރު ހުންނަވާފައި ތަޚުތު ދޫކުރައްވައި މި ރަދުން ކޮއްޗޭއަށް ގޮސް އިސްލާމްދީން ދޫކުރައްވައި ޕޯޗުގީޒުންގެ ނަސާރާދީނަށް ވެންނެވިއެވެ. އެކަމަކު މި ވާހަކަ ޕޯޗުގީޒުންގެ މަސްދަރުތަކުން ފެންނަނީ ހިސާބަކަށް ތަފާތުކޮށެވެ.

އާދެ، ބޭބޭފުޅު މުހައްމަދު ރަސްގެފާނު ގަތުލުކުރެއްވުމަށްފަހު ރަސްކަން ހޯއްދަވައި ރަސްކަން ސައްހަކުރެއްވުމަށްޓަކައި 9 ވަނަ ހަސަން ރަސްގެފާނު އޭނާގެ ބޭބޭފުޅުގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނިބައްލަވަން އުޅުއްވީމަ 1550 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެކަމަނާ ފިއްލަވައިގެން ކޮއްޗޭގައި ތިބި ޕޯޗުގީޒުންގެ ގާތަށް ވަޑައިގެންވިއެވެ. އެއަށްފަހު ހަސަން ރަސްގެފާނު އެކަމަނާގެ ފަހަތްޕުޅުން ކޮޗިނަށް ވަޑައިގެން ކޮއްޗޭގެ ޕޯޗުގީޒުންގެ އެހީތެރިކަން ހޯއްދަވަން މަސައްކަތްކުރެއްވިއެވެ. 21 ފެބްރުއަރީ 1550 ގައި ގޯވާގައި ހުންނަވާ ޕޯޗުގީޒު ގަވަރުނަރު ޕޯޗުގަލްގެ ރަސްގެފާނަށް ފޮނުއްވި ސިޓީއެއްގައި ރާއްޖޭގެ ރަސްގެފާނު ޕޯޗުގީޒުންނަށް ކޮންމެ އަހަރަކު 600 ބަހަރުގެ ރޯނު ފޮނުވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ލިޔުއްވާފައި ވެއެވެ. އެއަށްފަހު ހަސަން ރަސްގެފާނު މާލެއަށް އެނބުރި ވަޑައިގެންނެވިއެވެ. އެކަމަކު ރަސްކަމުގެ ބާރު އެރަދުންގެ އަތްޕުޅުގައި މާ ގިނަ ދުވަހަކު ނުއޮތެވެ. އޭރު އެރަދުންގެ އުމުރުފުޅަކީ 18 ނުވަތަ 20 އަހަރެވެ. (ޖޯޒެފް ވިކީ، ޑޮކިއުމެންޓާ އިންޑިކާ، 1949)

ދެ އަހަރާއި ދުވަސްކޮޅަކު ރަސްކަންކުރެެއްވުމަށް ފަހު ހަސަން ރަސްގެފާނު އަނެއްކާވެސް ރާއްޖެ ދޫކުރައްވައި ކޮއްޗެއަށް ވަޑައިގެންނެވިއެވެ. އަދި ނަސާރާ ދީނަށް ވެދެވަޑައިގެން ޕޯޗުގީޒުންގެ މަދަދުވެރިކަން ހޯއްދަވަން އުޅުއްވި އެވެ. މި ގޮތުން ރާއްޖެއަށް ޕޯޗުގީޒުންގެ ނަވެއް ފޮނުއްވިއެވެ. ނަމަވެސް އޭރު މާލޭގައި ސިޔާސީ ގޮތުން އިސްކޮށް ތިއްބެވި އަބޫބަކުރާއި އަލީއާ ދެބޭފުޅުން އެ އުޅަނދަށް ހަމަލާދީ އޭގައި ތިބި އެންމެން ގަތުލުކުރެއްވިއެވެ. އަދި އެއަށްފަހު އަބޫބަކުރު ރަސްކަމަށް އިސްކޮށްފިއެވެ. މިއީ ދެވަނަ އަބޫބަކުރު ރަސްގެފާނެވެ. އެހެންނަމަވެސް ދެވަނައަށް މާލެއަށް ހަމަލަދޭން އައި ޕޯޗުގީޒު ނަވުގެ މީހުންނާ ހަނގުރާމަ ކުރައްވަނިކޮށް ރަސްކަމަށް މާ ގިނަ ދުވަހެއް ނުވަނީސް މި ރަދުން އަވަހާރަވެއްޖެއެވެ. ނަމަވެސް މި ރަސްގެފާނު އަވަހާރަވީ ގޮތާއިމެދު ތާރީޚުގައި ޚިލާފުތަކެއް ހުރެއެވެ. އަވަހާރަވީ ހަނގުރާމައިގައި ނޫން ކަމާއި ގަތުލުކުރެވުނީ ކަމަށް ކިޔާ ރައުޔެއްވެސް އޮވެއެވެ. އިސްވެ މި ދެންނެވުނު ޕޯޗުގީޒުންގެ ދެވަނަ ހަމަލާގައިވެސް ޕޯޗުގީޒުން ބަލިވިއެވެ. އަބޫބަކުރު ރަސްގެފާނަށްފަހު ރަސްކަމަށް އިސްވެ ވަޑައިގެންނެވީ ދިވެހި ތާރީޚުގައި މަޝްހޫރު ޝަހީދުވީ އަލިރަސްގެފާނެވެ. މި ރަސްގެފާނުގެ ރަސްކަމުގައި ގޯވާއިން ދިވެހިރާއްޖެއަށް ތިންވަނަ ހަމަލާ ދިނެވެ. މިފަހަރު ޕޯޗުގީޒުންގެ ވެރިޔަކަށް ހުރީ ދިވެހި ތާރީޚުގައި މަޝްހޫރު ދިވެހިރާއްޖޭގައި އުޅެ ބޮޑުވި ޕޯޗުގީޒުންގެ މީހެއް ކަމަށްވާ އަނދިރި އަނދިރީންނެވެ. އަލީގެ މައްޗަށް އަނދިރި ގަދަވެ، އަލިރަސްގެފާނު ޝަހީދުކޮށްލާފައި 1558 ގައި ޕޯޗުގީޒުންގެ ވެރިކަން ދިވެހިރާއްޖޭގެ މައްޗަށް ހިންގަން ފެއްޓުނެވެ.

ޕޯޗުގީޒުންގެ ރެކޯޑުތައް ބުނާ ގޮތުން އަލިރަސްގެފާނު ޝަހީދުކޮށްލަން ފޮނުވި ނާފަހަރުގެ ކޮމާންޑަރަކަށް ހުރި މީހާގެ ނަމަކީ ޑީ މެނުއެލް ޑި ސިލްވެއިރާ ޑި އަރައޫޖޯއެވެ. (ޖޭ.އެޗް. ކޫންޔާ ރިވާރާ، 77-1857) މާލޭގައި ތިބި ޕޯޗުގީޒުން ވެރިކަން ކުރަމުން ދިޔައީ އެމީހުންގެ ދީނަށް ވެންނެވި 9 ވަނަ ހަސަން ރަސްގެފާނުގެ ނަންފުޅުގައެވެ. އޭގެ ބަދަލުގައި ޕޯޗުގީޒުންނަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޅި ކޮންޓްރޯލް ލިބިގެން ދިޔައީއެވެ. އެގޮތުގައި 15 އަހަރު ވާންދެން އޮތެވެ.

1573 ގައި ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވައި ދިވެހިރާއްޖޭގެ ރަސްކަމަށް ބޮޑުތަކުރުފާނު އައްސުލްތާން މުހައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ނަމުގައި އިސްވެވަޑައިގެންނެވުމަށް ފަހުވެސް ތިން ފަހަރެއްގެ މަތީން ފޯޗުގީޒުން ރާއްޖެއަށް ހަމަލަދޭން ލަޝްކަރު ފޮނުވި ކަމަށް ބޮޑުތަކުރުފާނުގެ ދަރިކަލުން އިބްރާހީމް ކަލާފާނުގެ ވެރިކަމުގައި 5 އަހަރު ވާންދެން ރާއްޖޭގައި އުޅުނު ފަރަންސޭސި ޕީރާޑް ލިޔެފައި ވެއެވެ. އަދި ޕޯޗުގީޒުންގެ މި ހަމަލާތައް ހުއްޓުވައި ރާއްޖޭގައި އަމާންކަން ގާއިމުކުރުމަށްޓަކައި 1576 ގައި ޕޯޗުގީޒުންނާއެކު ބޮޑުތަކުރުފާނު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ޕީރާޑު ލިޔެފައި ވެއެވެ. މި އެއްބަސްވުމުގެ ދަށުން 9 ވަނަ ހަސަން ރަސްގެފާނަށް އަހަރަކު މިވެނި ވަރަކަށް އެއްޗެތި ދިނުމަށާއި ދިވެހި އުޅަނދުފަހަރު އިންޑިޔާގެ އައްސޭރީގައި ވިޔަފާރިކުރުމަށް ޕޯޗުގީޒުންގެ ފަރާތުން ދޭ ލައިސަންސް އޮތުމަށާއި އަދި ރާއްޖޭގައި ވެރިކަންކުރައްވާ ބޭބޭފުޅުން ރަސްކަލެއްގެ ލަގަބު ބޭނުންފުޅު ނުކުރެއްވުމަށާއި އޭގެ ބަދަލުގައި ޕޯޗުގީޒުންވެސް އަދި ހަސަން ރަސްގެފާނު ވެސް ރާއްޖޭގެ އެތެރޭގެ އެއްވެސް ކަމަކާ ނުބެހޭނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންވެގެންވާ ކަމަށް ލިޔެފައިވެއެވެ.

ޕީރާޑު ގެ ލިޔުމުގައި މި އެގްރީމެންޓުގެ ވާހަކަ ބަޔާންކޮށްފައި އޮތަސް ޕޯޗުގީޒު އަރުޝީފަކުވެސް އަދި ދިވެހިރާއްޖޭގެ އެއްވެސް ލިޔެކިޔުމެއްގައި އެފަދަ ވާހަކައެއް ބަޔާންވެފައެއް ނުވެއެވެ. އެހެންނަމަވެސް އެޔަށް ލިބޭ އެހެނިހެން ހެތްކާއި ގަރީނާ އެބަހުއްޓެވެ. މިގޮތުން ޕޯޗުގަލްގެ ރަސްގެފާނު ފިލިޕް 1 ގެ، 10 ޖެނުއަރީ 1587 ގެ ތާރީޚު ޖަހާފައިވާ ފަތްކޮޅެއް ގައި ހަސަން ރަސްގެފާނުގެ ފަރާތްޕުޅުން ޕޯޗުގީޒުންނަށް އަހަރަކު ދޭ 500 ބަހަރު ރޯނުގެ ޖިޒީގެ ވާހަކަ ބަޔާންކޮށްފައި އޮވެއެވެ.

މީގެ ފަހުންވެސް ބޮޑުރަސްގެފާނުގެ ދުވަސްވަރު ވެސް ޕޯޗުގީޒުން ރާއްޖެއަށް ހަމަލަ ދީފައިވެއެވެ. އަދި މިގޮތުން ޕޯޗުގީޒުން ދިން އެންމެ ފަހުގެ ހަމަލާ ދިނީ ބޮޑުރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރުގައެވެ. މިއިން އެއްވެސް ފަހަރަކު އެމީހުންނަށް ދިވެހީންގެ މައްޗަށް ކާމިޔާބީއެއް ނުހޯދެއެވެ.

ގޯވާގެ ޕޯޗުގީޒުން ދިވެހިރާއްޖެ އަށް އެންމެ ފަހަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ 9 ވަނަ ހަސަން ރަސްގެފާނަށް މުނިކާފަވިދާޅުވާ ދެ ބޭފުޅުން ކަމަށްވާ ދޮން ލަވީޒްއާއި ދޮން މަލަވީޒްއެވެ. މި ހަނގުރާމައިގައި ދިވެހީންނަށް ކާމިޔާބު ލިބި ޕޯޗުގީޒުން ބަލިވެ، ދޮން ލަވީޒު ޒަޚަމްވެ، ދޮން މަލަވީޒާއެކު ދެން ތިބި މީހުން މަރުވީއެވެ. މިއަށްފަހު ޕޯޗުގީޒުންގެ ފަރާތުން ދިވެހިރާއްޖެ އަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލިއެވެ. އަދި މިއަށްފަހު ޕޯޗުގީޒުންނަށާއި ކަންނަންނޫރު އަލީރާޖާއަށް ދިވެހިރާއްޖެއިން ޖިޒީދިނުން ވެސް ހުއްޓާލިއެވެ.

-----------

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.