ޤައުމިއްޔަތުގެ ތަނބުތައް ނަގަހައްޓައި ދެމެހެއްޓުމަކީ މި ލޮބުވެތި ވަތަނަށް މަންމަގެ ނަމުން މުހާތަބުކުރާ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން މިދާ 1442 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދިވެހިންގެ ގައުމީ ދުވަސް ފާހަގަކުރާއިރު، ދިވެހި ގައުމިއްޔަތުގެ ހައިބަވަންތަކަން އިތުރުކޮށްދޭ ވަރަށް މަތިވެރި ނިއުމަތްތަކެއް، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިންވެސް އެންމެ މަތިވެރި ނިއުމަތަކީ، އިސްލާމްދީނުގެ އުޖާލާ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އަލިވެފައިވުން ކަމަށްވެސް ވިދާޅުވިއެވެ. އެއް ބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ހިއްސާކުރާ ބަޔަކަށް ވުމަކީ، ދިވެހިންގެ ގައުމީ ފަހުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ ގައުމީ އަމާނާތެއްކަން ގަބޫލުކޮށް، ގައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަތަނަށް މަންމަގެ ނަމުން މުހާތަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، އަޅުގަނޑުމެންގެ ޅަ ދަރިންނާއި، ޒުވާނުންގެ ހިތްތަކުގައި، "ގައުމިއްޔަތުގެ މި ދެންނެވި ސިފަތަކަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެން. ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް،" ކަމަށެވެ.

"ގައުމިއްޔަތަކީ، ގުރުބާނީތަކުގެ ބިމުގައި، ގައުމީ ބަތަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް. ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން،" ރައީސް ވިދާޅުވިއެވެ.