އެކާވީސް ވަނަ ސައްތައިގެ ފިކުރިއްޔާތަކީ އަދި މިޒަމާނުގެ ސިޔާސީ، އިގްތިސޯދީ ވިސްނުމަކީ މިނިވަން މުސްތަގިއްލު ގައުމުތަކެއްގެ ގުޅިލާމެހިފައިވާ ބަދަހި އެއް މުޖްތަމައު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންމިދާ ރާއްޖޭގެ 77 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، 21 ވަނަ ސައްތައިގެ ފިކުރިއްޔާތަކީ، އަދި މިޒަމާނުގެ ސިޔާސީ، އިގްތިސާދީ ވިސްނުމަކީ، މިނިވަން މުސްތަގިއްލު ގައުމުތަކެއްގެ، ގުޅިލާމެހިފައިވާ ބަދަހި އެއް މުޖުތަމައު ކަމަށެވެ. އަޅުގަނޑުމެންގެ މި ރާއްޖެއަކީ ވެސް، މި ދެންނެވި މުޖުތަމައުގައި ހިމެނޭ އެއް އާއިލާ، ނުވަތަ ބައިނަލްއަގުވާމީ މުޖުތަމައުގެ އެއް ގޭބިސީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްްޖޭގެ ހާރިޖީ ގުޅުންތަކަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ޔަގީންކަމާއެކު ދަންނަވަން ބޭނުންވަނީ، ހުރިހާ ގައުމުތަކަކާއެކުވެސް، ހާރިޖީ ގުޅުންތައް އަޅުގަނޑުމެން ހަރުދަނާކުރަމުން މިއަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަން،" ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން ކަމަށާއި، ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާ އާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށެވެ. އެކަމުގެ ސަބަބުން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެން ހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން، އަދި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން ކަމަށްވެސް ވިދާޅުވިއެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، އަޅުގަނޑުމެންގެ ހާރިޖީ ގުޅުންތައް އިއާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް،" ކަމަށް ވެސް ވިދާޅުވިއެވެ.
މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަގްވާމީ މުޖުތަމައާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށާއި، ކޮވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު