އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާއުގައި ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މި ގައުމުގައި ސާބިތުވެ އޮތްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ވަނީ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައެވެ.
އެގޮތުން މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ގައުމީ ދުވަހަކީ އިސްތިއުމާރީ ބާރެއްގެ ދިގު އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އުފާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ ބޮޑު ސިފައަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ނޭވާލުމުގެ ނިއުމަތް ރާއްޖެއަށް ލިބިފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރު، ދިވެހި ރައްޔިތުންގެ ދިފާއުގައި ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ރާއްޖޭގައި އޮތުމީ ކޮންމެ ދިވެއްސަކުވެސް އެކަމާ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ އަހަރެމެންގެ ޅަދަރިންނާއި ޒުވާނުންގެ ހިތުގައި ގައުމިއްޔަތުގެ ސިފަތަކަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެން ކަމަށެވެ. ގައުމީ ސިފަތަކުގެ މަތީ ދަރީން ތަރުބިއްޔަތު ކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިން ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު