ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖްތަމައަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން މި އަންނަ 1442 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި، ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މަތިވެރި ގަދަރެއް ދެވިފައިވާ ދުވަހަކީ ގައުމީ ދުވަސް ކަމަށެވެ. ގާނޫނުއަސާސީގައި ވެސް، ވަކި ތާރީހެއް ކަނޑައެޅި ބަޔާންކޮށްފައިވާ ހަމައެކަނި މުނާސަބަތަކީ ވެސް، ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ކަމަށްވެސް ވިދާޅުވިއެވެ.
ގައުމީ ދުވަހަށް މިހާ މަތިވެރި ދަރަޖައެއް ދެވިފައި ވަނީ ރާއްޖޭގެ މިނިވަންކަމަށާއި އަމިއްލަވަންތަކަމަށް އެންމެ މަތިވެރި ނަސްރެއް ލިބިފައި ވަނީ އެ ދުވަހު ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، ގައުމީ ދުވަހުގެ ނަމުގައި މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިސްތިއުމާރީ ބާރެއްގެ ދިގު އަޅުވެތިކަމަކުން ރާއްޖެ އަށް މިނިވަންކަން ލިބުމުގެ އުފާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖުތަމައަށް ނޭވާލުމުގެ މަތިވެރި ނިއުމަތް ލިބިފައިވުން،"
ރައީސް ވިދާޅުވީ، މިއަދުވެސް ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާއުގައި، ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިގައުމުގައި ސާބިތުވެ އޮތްކަން ކަމަށާއި، މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަހުރުވެރިވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގައުމީ ހަޔާތުގެ އެކި ދުވަސްވަރު، ދިވެހިންގެ މިނިވަންކަމަށްޓަކައި، ގައުމީ ޖިހާދުގައި ގުރުބާންވެވަޑައިގެންނެވި، އެންމެހައި ގައުމީ ބަތަލުންގެ ހަނދާންތައް އާކޮށް، އެ މަތިވެރި ބަތަލުންނަށް ހެޔޮ ދުއާ ކުރުމަކީވެސް، މިފަދަ ގައުމީ މުނާސަބަތެއްގައި އަޅުގަނޑުމެން އަދާކުރަން ޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ.
"މިއަދަކީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް، އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އަޅުގަނޑުމެން އައު ކުރާ ދުވަސް" ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު