ކުޅިވަރު

ކްލޮޕް ރުޅި ގަދަވެ ވީއޭއާރް ނިންމުން އަލުން ބަލައިދޭން އެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މާސީ ސައިޑް ޑާބީގައި ވީއޭއާރްގެ އެހީގައި ރެފްރީ ނިންމި ދެ ނިންމުމެއް ރިވިއު ކޮށްދޭން ލިވަޕޫލުން އެދިއްޖެއެވެ.

ލިވަޕޫލުން އަލުން ބަލައިދިނުމަށް ޕްރިމިއާ ލީގަށް އެދިފައިވާ ނިންމުންތަކަކީ ފުރަތަމަ ހާފްގައި އެވަޓަން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ފަޔަށް ކުރި ޓެކުލަކާއި، މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ކެޕްޓަން ޖޯޑަން ހެންޑަސަން ގޯލް ތެރެއަށް ވައްދާލި ބޯޅަ ސައިޑް ކަމަށް ނިންމުމެކެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ވެންޑައިކްގެ ކަކުލަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ކްލޮޕްވެސް ބުނެފައިވާއިރު، އެއީ ޕިކްފޯޑުގެ ނުރައްކާތެރި ޓެކުލެކެވެ. އެ ޓެކުލް ޕިކްފޯޑް ކުރީވެސް އެވަޓަން އޭރިއާ ތެރެއިންނެވެ. ވެންޑައިކް ފަޔަށް ޕިކްފޯޑް ކުރި ޓެކުލަށް ރެފްރީ ޕެނެލްޓީ ދީފައި ނުވަނީ އެ ބޯޅައަށް ވެންޑައިކް އެރި އިރު އޭނާ އޮފްސައިޑް މަގާމެއްގައި އޮތުމުން ކަމަށް ބެލެވެއެވެ. އެ ނިންމުން ރެފްރީ ނިންމީ ވީއޭއާރް ރިވިއު ކުރުމަށްފަހުއެވެ.

ލިވަޕޫލުން ރިވިއުކުރަން އެދުނު ދެވަނަ މައްސަލައަކީ ފަހުވަގުތު ހެންޑަސަން ޖެހި ގޯލް އޮފްސައިޑް ކަމަށް ވީއޭއާރްގެ އެހީގައި ނިންމި ނިންމުމެވެ. ޓީވީން ވީއޭއާރް ބަލަން ތިބި މީހުންނަށްވެސް އެ ގޯލް ސައިޑް ވާން ޖެހޭ ސަބަބު ސާފު ވެފައެއް ނުވެއެވެ. ހެންޑަސަން ޖެހި ބޯޅަ ގޯލަށް ވަދެ، އުފާފާޅު ވެސް ކުރި ފަހުން އެ ގޯލް އޮފްސައިޑް ކަމަށް ނިންމީ ވީއޭއާރްގެ އެހީގަ އެވެ. ވީއޭއާރުން ދެއްކީ ގޯލަށް މަގުފަހި ކުރުމުގައި މާނޭ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އެ އޮފްސައިޑް އަކީ އިންޗިއެއްހާ ތަނުން ނިންމި ނިންމުމެއް ކަމަށް ވެދާނެއެވެ.

މެޗަށްފަހު ހިތްހަމަ ނުޖެހިފައި ހުރި ޔާގަން ކްލޮޕް ބުނެފައި ވަނީ އޮފްސައިޑްވި ތަނެއް ހޯދައި ހޯދައި ނުފެނުނު ކަމަށާއި، ޕިކްފޯޑަށް ކާޑެއް ނުދެއްކި ސަބަބެއްވެސް ބުނަން ދަތި ކަމަށެވެ. ކްލޮޕް ވަރަށް ބޮޑަށް ރެފްރީއަށް އިހުތިރާމް ކުރަން މަސައްކަތް ކުރި ނަމަވެސް، އޭނާގެ މޫނު މަތިން ވަރަށް ބޮޑަށް ރުޅިވެރިކަން ފެނިފައި ވެއެވެ. ކްލޮޕް ބުނެފައި ވަނީ ވީއޭއާރްގެ ނިންމުން ނިންމި ގޮތެއް ސާފުވާން ޖެހޭ ކަމަށާއި، ހެންޑަސަންގެ ގޯލް އޮފްސައިޑް ވާނެ އެއްވެސް ގޮތެއް ނުފެނުނު ކަމަށެވެ.

ލިވަޕޫލާއި އެވަޓަން ކުޅުނު ފޯރިގަދަ މާސީ ސައިޑް ޑާބީ މެޗު 2-2 އިން އެއްވަރު ވެގެން ނިމުނިއިރު، އެވަޓަންގެ ގުޑްސަން ޕާކުގައި ކުޅުނު މެޗުގައި ޑާބީއެއްގެ ސިފަތައް ފުރިހަމައަށް ފެނިގެންދިޔަ އެވެ. މެޗުގައި ހަތަރު ގޯލް ފެނިގެންދިޔައިރު، ރަތް ކާޑެއް ވެސް ފެނިގެން ދިޔަ އެވެ. ފަހު މިނެޓްގައި ކަހަލަ ގޮތަކަށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ގޯލް ތެރެއަށް ވައްދާލި ބޯޅަ އޮފްސައިޑް ކަމަށް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމުމާއެކު ލިވަޕޫލަށް ތިން ޕޮއިންޓް ގެއްލިގެން ދިޔަ އެވެ.