ކުޅިވަރު

އާސެނަލް ކައިރިން ސިޓީއަށް ހަނިމޮޅެއް، "މިއީ އަދި އަސްލު ފެންވަރެއް ނޫން"

މުޙައްމަދު ޝަމްޢޫން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެންމެ ވަރުގަދަ މެޗަކީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ވާދަކުރި މެޗެވެ. ރޭގެ މެޗަށް ނުކުތްއިރު، އާސެނަލް އިން މި ސީޒަންގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެޓީމުން ސައްތައިން ސައްތަ ރެކޯޑަކާއެކު ނުކުތީ ހާލަތު އެންމެ ރަނގަޅު ނޫން ސިޓީއާ ދެކޮޅަށެވެ.

ރޭގެ މެޗާއެކު ސިޓީން ލީގުގައި ހަތަރު މެޗު ކުޅެ، ހަތް ޕޮއިންޓް ހޯދާފައިވާއިރު، އާސެނަލްއަށް ފަސް މެޗުން ލިބެނީ ނުވަ ޕޮއިންޓެވެ. އާސެނަލް ރޭގެ މެޗުން 1-0 އިން ބަލިވި ނަމަވެސް، އެޓީމު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ސިޓީ އަދިވެސް އޮތީ 10 ވަނައިގައެވެ.

ރޭގެ މެޗުގައި ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެޓީމަށް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ކުރީކޮޅުގައި ރިޔާދް މަހަރޭޒް އަރިމަތިން އުފެއްދި ދެ ހަމަލާއެއް އާސެނަލްގެ ގޯލްކީޕަރު ބްރެޑް ލެނޯ ދިފާއުކުރިއެވެ. ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ރޭގެ މެޗުގައި ސިޓީގެ ފޯވަޑް ކުން އަގުއޭރޯ ކުޅެން ނިކުތުމަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

އެންމެ މުހިއްމު ކުޅުންތެރިޔާ، ކެވިން ޑިބްރޭނާއާ ނުލައި ސިޓީން ރޭގެ މެޗަށް ނުކުތްއިރު، ޑިބްރޭނާ ނެތްތައް މެޗުގައި ފެނުނެވެ. ސިޓީން ހަމަލާތައް އުފެއްދުމުގައި ދަށްކޮށް ފެނުނުއިރު، އާސެނަލްއިން ވެސް ވަނީ ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މާ ގިނަ ވަގުތު އާސެނަލްއިން ބޯޅަ ނުގެންގުޅުނު ނަމަވެސް ބުކަޔޯ ސަކާއާއި ޕިއޭ އެމްރިކް އަަމަޔާންގެ އިތުރުން ނިކަލަސް ޕެޕޭގެ ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ވިލިއަންގެ ހުރަސް ނިކަލަސް ޕެޕޭ ބޮލުން ބޭރަށް ޖެހިއިރު، ބުކަޔޯ ސަކާ އާއި އަބަމަޔާންގެ ހަމަލާތަކަށް ހުރަސް އެޅީ މެޗުގައި މޮޅަށް ކުޅުނު ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ.

ސިޓީން ފުރަތަމަ ހާފްގައި ގޯލް ޖެހީ ފިލް ފޮޑަން ގޯލަށް ޖެހި ބޯޅައެއް އާސެނަލް ގޯލްކީޕަރު ލެނޯ އަތުން ޖައްސާ ބޭރުކޮށްލުމުން އެ ބޯޅައިގެ ފައިދާ ނަގައިގެންނެވެ. ރީބައުންސް ގޯލަށް ވައްދާލީ ރަހީމް ސްޓާލިންނެވެ.

ރޭގެ މެޗަށްފަހު އާޓެޓާ ބުނެފައި ވަނީ މެޗުން ޕޮއިންޓެއް ހައްގު ނަމަވެސް، ޓީމުގެ ހިތްވަރަށް ސާބަސް ދޭ ކަމަށެވެ. އާޓެޓާ ފާހަގަ ކުރީ ފުރުސަތު ލިބި ބޭކާރުވި ނަމަވެސް ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ. ރޭގެ މެޗުގައި އާޓެޓާ ވަނީ ޓީމާ އަލަށް ގުޅުނު ތޯމަސް ޕާޓޭއަށް ވަގުތު ކޮޅެއް ދީފައެވެ. އޭނާގެ އަސްލު ކުޅުން އަދި ފެނިފައެއް ނުވެއެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ފެނުނީ ސިޓީގެ އަސްލު ފެންވަރު ނޫން ކަމަށެވެ.

"ސިޓީން ބޭނުންވި ރަނގަޅަށް ހަމައަކަށް އެޅެން. އެކަމަކު ރޭގައިވެސް އަދި ފެނުނީ ސިޓީގެ އެންމެ ރަނގަޅު ކުޅުމެއް ނޫން. ޑިފެންސަށް ލިބުނު ކުރިއެރުންތަކަކީ ހިތްހަމަ ޖެހުމެއް. ސިޓީގެ ގޯލްކީޕަރު އެޑަސަން އަކީ އަބަދުވެސް ނަތީޖާ ނެރުމަށް މުހިއްމު ކުޅުންތެރިއެއް. ރޭގެ މެޗުން އެ ފެނުނީ އެ މަންޒަރު،" ޕެޕް ބުނެފައި ވެއެވެ.