ކުޅިވަރު

ވެންޑައިކްގެ އަނިޔާ ގޯސް، ސީޒަން އެއްކޮށް ގެއްލިދާނެ!

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ލިބުނު އަނިޔާ ހީކުރި ވަރަށްވުރެ ގޯސް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކުލަކުން ވެންޑައިކްގެ ފަޔަށް ތަދުވެ، ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހިފައި ވެއެވެ. ވެންޑައިކްގެ ކަކުލަށް އަނިޔާވެ ރޭގެ މެޗުން ބާލަން ޖެހުނުއިރު، ކޯޗު ކްލޮޕް މެޗަށްފަހު ބުނެފައި ވަނީ ވެންޑައިކްގެ އަނިޔާ ފެންނަނީ ރަނގަޅަށް ނޫން ކަމަށެވެ.

އުމުރުން 29 އަހަރުގެ ވެންޑައިކް މިދިޔަ ހަފްތާގައި ނެދަލޭންޑްސް ގައުމީ ޓީމަށްވެސް ކުޅެފައި ވެއެވެ. ކްލޮޕް ބުނެފައި ވަނީ ވެންޑައިކް މެދުކެނޑުމެއްނެތި ގިނަ މެޗުތަކެއް ކުޅުނު ކަމަށާއި، އަނިޔާގެ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ވުން ގާތް ކަމަށެވެ.

އެވަޓަންގެ އޭރިއާ ތެރެއިން ޕިކްފޯޑް، ވެންޑައިކް ފަޔަށް ކުރި ޓެކުލަށް ޕެނެލްޓީއެއް ނުދިނުމުން އެކަމާ ކްލޮޕް ވަނީ މެޗުގައި ޝަކުވާ ވެސް ކޮށްފައެވެ. ރެފްރީ އެ ޓެކުލަށް ޕެނެލްޓީ ނުދޭން ނިންމީ، އެ ބޯޅައަށް ވެންޑައިކް މަސައްކަތް ކުރިއިރު، އޮފްސައިޑް މަގާމެއްގައި އޮތުމުން ކަމަށް ބެލެވެއެވެ. ފައުލެއް ދިނުމަށް ރެފްރީ ވަނީ މެޗު ތެރެއިން ވީއޭއާރް ޗެކަކަށް ގޮސްފައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ވެންޑައިކްގެ އިތުރުން މެޗުގެ ފަހުކޮޅުގައި އަނިޔާވި މިޑްފީލްޑަރި ތިއޭގޯ އަލްކަންޓްރާގެ އަނިޔާވެސް ސީރިއަސްއެވެ. އެ ދެކުޅުންތެރިންވެސް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައި ވެއެވެ. އަލްކަންޓްރާގެ ކަކުލަށް އަނިޔާވީ ރިޗާލްސަން ޖެހި ޓެކުލަކުންނެވެ. އެ ޓެކުލަށް ރިޗާލްސަން އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ގިނަ ހަބަރުތަކުން ބުނެފައި ވަނީ ވެންޑައިކްގެ ލިގަމެންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން ބެލެވެނީ ވެންޑައިކްގެ އަނިޔާއަކީ އޭސީއެލް (ކަކުލުގެ އެންމެ މައި އެއް ލިގަމެންޓް)ގެ އަނިޔާއެއް ގޮތުގައެވެ. އެހެންކަމަށް ވާނަމަ، އެ އަނިޔާއިން އަނބުރާ އައުމަށް ހަތް މަހާއި އަށް މަހުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވެއެވެ. އެއީ ގާތްގަނޑަކަށް ސީޒަން އެއްކޮށް ގެއްލުމެވެ.

ލިވަޕޫލުން މިދިޔަ ދެސީޒަންގައި ހޯދި ކާމިޔާބީތަކުގެ އެންމެ މުހިއްމު އެއް ރޯލެއް އަދާކުރީ ނެދަލޭންޑްސްގެ ޑިފެންޑަރު ވެންޑައިކެވެ. ވެންޑައިކް ވަނީ މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑުގެ ގަދަ ތިނަކަށް ނޮމިނޭޓްވެސް ވެފައެވެ. އޭނާއަށް އެފަހަރު ލިބުނީ ދެވަނަ މަގާމެވެ.