ކުޅިވަރު

ވާނާގެ ދެ ގޯލާއެކުވެސް ސައުތުހެމްޓަން ކައިރިން ޗެލްސީ ސަލާމާތެއް ނުވި

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޓަން އާއި ޗެލްސީ ވާދަކުރި މެޗު 3-3ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެއްވަރު އެޓީމަށް އިތުރު ދެ ޕޮއިންޓް ގެއްލުނު އިރު، މިވަގުތު އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ފަސް މެޗުން އެޓީމަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ސައުތުހެމްޓަން ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. އެޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.

މި ސީޒަނަށް އެންމެ ގިނަ ޓްރާންސްފާތަކެއް ކޮށް، ތައްޔާރުވި ޓީމަކީ ޗެލްސީ އެވެ. އިންޓަނޭޝަނަލް ބްރޭކް ކުރިން ވެސް ޗެލްސީއަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގޯލްކީޕަރުގެ މައްސަލައިގެ އިތުރުން ޑިފެންސް މައްސަލަ އެވެ. އަލަށް ޓީމާ ގުޅުނު ގޯލްކީޕަރު އެޑުއާޑޯ މެންޑީ އާއި ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ މިރޭ މެޗުގައި ކުޅެފައިނުވާއިރު، އެ ދެކުޅުންތެރިން ނެތްތަން ވަރަށް ބޮޑަށް މެޗުގައި ފެނިގެން ދިޔަ އެވެ.

ޗެލްސީއާ އަލަށް ގުޅުނު ހަކީމް ޒިޔެޗް މިރޭގެ މެޗުގެ ދެވަނަ ހާފުގައި ފެނިފައިވާއިރު، އަނިޔާއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އެމެރިކާގެ ވިންގާ ކްރިސްޓިއަން ޕުލިސިޗް ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11 އިން ފެނިގެން ގޮސްފަ އެވެ.

މެޗު ވަރުގަދަކޮށް ފެށީ ޗެލްސީންނެވެ. ފުލުފުލުގައި ޖަރުމަނުގެ ފޯވަޑް ޓީމޯ ވާނާ ޖެހި ދެ ގޯލާއެކު ޗެލްސީން ދެ ގޯލްގެ ލީޑެއް ނެގި އެވެ. މިރޭގެ މެޗުގައި ވާނާ ޖެހި ގޯލްތަކަކީ އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ދެ ގޯލެވެ. ލީގު ކަޕްގައި ޓޮޓެންހަމްއާ ދެކޮޅަށް ޖެހި ގޯލާއެކު ވާނާ މިހާތަނަށް ޗެލްސީއަށް ތިން ގޯލް ޖަހައިދީފައިވެ އެވެ.

ވަރުގަދަކޮށް ކުޅެމުންދިޔަ ޗެލްސީއަށް ދެ ގޯލްގެ ލީޑަކާއެކު ހާފް ނިންމާލުމަށް ފުރުސަތެއް ނުލިބުނެވެ. މެދުތެރެއިން ކައި ހަވާޓްގެ ގޯހަކުން ފަހަތަށް ހުސްވެގެން ދިޔަ ޖާގައިގެ ބޭނުން ހިފައި، ސައުތުހެމްޓަންގެ ފުރަތަމަ ގޯލް ޖަހައިދިނީ ޑެނީ އިންގްސް އެވެ. އޭނާ ގޯލް ޖެހީ ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ ކައިރިން ނައްޓާލުމަށްފަހު އެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅުން ފެށިގެން ދަށް ފޯމެއްގައި ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރު އަރީޒާބަލާގާ އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިންއަށް ރަނގަޅު ކުޅުމެއްް ދެއްކި ނަމަވެސް މިރޭ އަނެއްކާ ވެސް ގޯސްތަކެއް ހެދިތަން ފެނިގެން ދިޔަ އެވެ. ސައުތުހެމްޓަން އިން ޖެހި ދެވަނަ ގޯލަކީ އޭނާއާ ޗެލްސީ ޑިފެންޑަރު ކާޓް ޒޫމާއާ ދެ ކުޅުންތެރިންގެ ވާހަކަދެއްކުމުގެ މައްސަލައަކުން ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި، ޗާ އެޑެމްސް ޖެހި ގޯލެކެވެ.

ސައުތުހެމްޓަން އިން ނަތީޖާ ހަމަހަމަކުރިތާ އިރުކޮޅެއް ނުވެ، ވާނާގެ ހުރަހަކުން ކައި ހަވާޓްސް ވަނީ ޗެލްސީގެ ތިންވަނަ ގޯލު ޖަހައި ލީޑު ދެވަނަ ފަހަރަށް ނަގައިދީފަ އެވެ. އެ ގޯލާއެކު މޮޅަކާ ދިމާލަށް ދަނިކޮށް، ސައުތުހެމްޓަން އިން ގޯލު ޖެހީ މެޗު ނިމެން ދެތިން މިނެޓަށް ވެފައި ވަނިކޮށެވެ. ކޯނަރަކުން ތިއޯ ވޮލްކޮޓް ފޮނުވާލި ހަމަލާ ގޯލަށް ވައްދާލީ އޭރިއާ ތެރޭގައި ހުރި ވެސްޓަގާޑް ބޮލުން ޖައްސާލައިގެންނެވެ.