ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 36 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 67 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 7:00 ޖެހިއިރު މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 36 ވަނަ މީހާ އެވެ. މިއީ މިމަހުގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ.
މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 30 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓި ވި މީހުންގެ ޖުމުލަ އަދަދު ވަނީ 11،154 އަށް އަރައިފައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 384 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 49 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 9،995 މީހެކެވެ.
ޚަބަރު
ޚަބަރު