މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ކުލި އެ ކައުންސިލަށް ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، މޭޔަރު ޝިފާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ކުލި މީރާއަށް ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް އެކަން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ސިޓީ ކައުންސިލްގެ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް މިހާރުވެސް ބައެއް ތަންތަނުގެ ކުލި ބަލައިގަންނަމުން އަންނަ ކަމަށެވެ.

"މިހާރު މީރާއާ އެކު އެބަ މަޝްވަރާކުރެވޭ މާރުކޭޓުތަކާއި މާލޭގެ ކުއްޔަށް ދީފައިވާ ބައެއް ބިންތަކުގެ ކުލި ދެއްކުމުގެ ކަންތައްތައް މި ކޮޅަށް [މާލޭ ސިޓީ ކައުންސިލަށް] ބަދަލުކުރުމުގެ ކަންތައްތައް. މިހާރު ގިނަ ތަންތަނުގެ ކުލި ދެއްކުން މާލޭ ސިޓީއިން ކުއްޔަށް ދީފައި ހުރި ތަންތަން ނަމަ އެތަންތަނުގެ ކުލިވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކޭ ގޮތް މިވަނީ ހަމަޖެހިފައި" ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ، މާލެއާއި ވިލިމާލޭގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ވެސް ސިޓީ ކައުންސިލުން ބަލައިގަންނަ ގޮތަށް ހަމަޖައްސަފައިވާ ކަމަށާއި އެފައިސާ ވެސް ބަނޑޭރި ޕޯޓަލުން ދެއްކޭނެ ކަމަށެވެ.

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލް އަހުމަދު ޝަރީފް ވިދާޅުވީ، މާލޭ ސިޓީގެ ތަންތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ހަމައެކަނި ސިޓީ ކައުންސިލަށް ވަންނަ ގޮތަށް ކަންކަން ހަމަޖައްސަމުން އަންނަ ކަމަށާއި އެގޮތުން މީރާއިން ކުރިން ބަލައިގަންނަމުން ދިޔަ ދިހަ ބާވަތެއްގެ ކުލީގެ ފައިސާ މިހާރު ސިޓީ ކައުންސިލުން ބަލައިގަންނަ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ފުރަތަމަ ފަށައިގަތުމުގެ ގޮތުން ދިހަ ބާވަތެއް މިއުޅެނީ. ފަހުގެ މަސައްކަތްތަކުގެ ތެރެއިން އަލިމަސް ކާނިވާ ޕާކިން ޒޯންގެ ފީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ. ހަމަ އެއާއެކު ދަންޑަހެލު ޕާކިން ޒޯންގެ ފައިސާވެސް ބަލައިގަނެވޭނެ. ދެން ކުރީގައި ދޫކޮށްފައި ހުރި ސިނަމާލެ އާއި މާލެ ހިޔާއާ މިތަންތަނުގެ ފައިސާއާއި މާލެއާއި ވިލިމާލޭގައި އަޅުގަނޑުމެން އިޖުތިމާއީ ގޮތުން ދޫކުރާ ބީޗުތަކާއި ޕާކުތަކުގެ ކަންތައްތައްވެސް އެފައިސާވެސް އަޅުގަނޑުންނަށް ޕޯޓަލް މެދުވެރިކޮށް ބަލައިގަނެވޭނެ" ޝަރީފް ވިދާޅުވިއެވެ.