ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ދެ ޕާޓީގެ އާންމު މެންބަރުންނަށް ހާއްސަކޮށްގެން ލޯޔަލްޓީ ކާޑެއް ތައާރަފުކޮށްފިއެވެ.

ލޯޔަލްޓީ ކާޑު އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ކާޑު އިފްތިތާހުކޮށްދެއްވީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ތައާރަފުކުރި ލޯޔަލްޓީ ކާޑު އެންމެ ފުރަތަމަ އަރުވާފައިވަނީ މިވަގުތު ޖަލު ބަންދުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ ރަމްޒީ ކާޑާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

ލޯޔަލްޓީ ކާޑާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕްރޮގްރެސިވް ކޯލިޝަންގެ ފަންޑް ރެއިސިން ޑިޕާޓުމަންޓާ ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑު ބިނާވެފައިވަނީ ރައީސް ޔާމީނުގެ ސިޔާސީ ފަލްސަފާއާއި އެމަނިކުފާނުގެ ފިކުރުފުޅުގެ މައްޗަށް ކަމަށެވެ. އަދި ލޯޔަލްޓީ ކާޑަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ތައާރަފުކުރާ ކާޑެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑާއެކު ޕްރޮގްރެސިވް ކޯލިޝަންގެ ކާޑު ސެންޓަރެއް ގާއިމުކުރެވި، އެ ސެންޓަރު މެދުވެރިކޮށް އެ ޕާޓީގެ އާންމު މެންބަރުންނަށް އެ ކޯލިޝަންގެ އިސްވެރިންނަށް ފަސޭހަކަމާއެކު ގުޅައިލެވޭނެ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ތައާރަފުކޮށްފައިވަނީ ހަތަރު ލޯޔަލްޓީ ކާޑެވެ. އެއީ މެޖެންޑާ، ސިލްވާ، ގޯލްޑް އަދި ޕްލިޓީނިއަމްއެވެ. ސައީދު ވިދާޅުވީ، އެ ކާޑުތަކާ ބެހޭ މައުލޫމާތު އާންމު މެންބަރުންނާ ހިއްސާކުރެވޭނެ ކަމަށާއި އޭގެ ތެރެއިން ފިޔާތޮށި ކުލައިގައިވާ މެޖެންޑާ ކާޑު ބޭނުންވާ ކޮންމެ ރައްޔިތަކަށްވެސް ކޮންމެ މަހަކު 100 ރުފިޔާގެ ކޮންޓްރިބިއުޝަނެއް ކުރެވޭނެ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ލޯޔަލްޓީ ކާޑެއް ތައާރަފުކޮށްފައިވާ އިރު، މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިފަދަ ކާޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.