ސީރިއާ ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާ ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ ޓެރަރިސްޓް ޖަމާއަތްތަކާއެކު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީރިއާގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ 34 އަހަރުގެ ދިވެހި ފިރިހެނަކު، އިއްޔެ އެނބުރި ރާއްޖެ އައުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ފޮރިން ޓެރަރިސްޓް ފައިޓާސްގެ ލިސްޓުގައި ވެސް ހިމެނޭ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސީރިއާގެ ދާހިލީ ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި 53 ޕަސަންޓް ފިރިހެނުން އަދި 47 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
އޭގެ ތެރެއިން މިހާރު ދިރި ތިބީ ނުވަ ޕަސަންޓް ފިރިހެނުންނާއި 91 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ބުންޏެވެ.
އެ ޑިޕާޓްމަންޓުން އިތުރަށް ބުނީ، ހަނގުރާމައަށް ދިޔަ ފިރިހެނުންގެ ތެރެއިން 48 ޕަސަންޓުގެ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި ކުށުގެ ރެކޯޑު އޮންނަ މީހުންގެ ތެރެއިން 39 ޕަސަންޓް މީހުންނަކީ ގޭންގުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު