ކްލަބު ވެލެންސިއާ

ވެލެންސިއާ އެނބުރި އަންނާނީ ކޯޗު އާތީއާއެކު

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ކްލަބު ވެލެންސިއާ އަނެއްކާވެސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވެ، ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފިއެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ފަރިތަކުރުންތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި އެފްއޭއެމް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ގައިޑްލައިންތަކުގެ ދަށުން މިހާތަނަށް ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އެކަންޏެވެ. އެހެންނަމަވެސް ކޯޗު އާތީއާއެކު މާދަމާ ވެލެންސިއާއިން ފަރިތަކުރުންތަކަށް ނުކުންނާނެ ކަމަށް އެ ކްލަބުން ވަނީ މައުލޫމާތުދީފައެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އާތީ ކޯޗު މިދިޔަ ސީޒަންގައި ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުގެ ބެންޗުންނެވެ. އޭގެ ކުރިން އާތީގެ މުހިއްމު މަސައްކަތެއް ޔުނައިޓެޑް ވިކްޓަރީގައިވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އާތީ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީއަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެ ފަހަރުގެ އެފްއޭ ކަޕުގައި އޭރު އެންމެ ވަރުގަދަކޮށް އޮތް މާޒިޔާ ކަޓުވައިލުމަށް ފަހު ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އާތީ ވަނީ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށްވެސް މަސައްކަތް ކޮށްފައެވެ.

ކްލަބު ވެލެންސިއާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކްލަބެވެ. ފުޓުބޯޅައިގައި އެންމެ ނަން ހިނގާ އެއް ކްލަބަކީވެސް ވެލެންސިއާއެވެ. ރާއްޖެ ދުށް އެންމެ ކުޅަދާނަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ވިދާލީ ވެލެންސިއާއިންނެވެ. ދަގަނޑޭގެ ކެރިއަރުގެ ކުރީކޮޅުގައި ވެލެންސިއާއަށް މުހިއްމު ކުޅުމެއް ދައްކާފައިވެއެވެ.

ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއްވަނަ ޑިވިޝަނުގައި ވާދަކޮށްފައެވެ. ދެވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ. ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައެވެ.