ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު 238 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 44 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން، އިހުމާލުވުމުގެ 29 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތް މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ ފަސް މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ދެ މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފައި ވެއެވެ.
ޖެންޑާއިން ބުނީ ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ދިހަ މައްސަލައެއް މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތަރު މައްސަލައަކާ ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލަ ހިމެނެއެވެ.
މިދިޔަ މަހު ޖެންޑާއަށް ވަނީ ހައްގުތަކުން ކުޑަކުދިން މަހްރޫމްކުރުމުގެ ދިހަ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެކި ބާވަތުގެ ކުށްކުރާ ކުދިންގެ ދެ މައްސަލައެއް ހުށަހަޅާފައިވާއިރު އާއިލީ 24 މައްސަލައެއްވެސް ޖެންޑާއަށް މިދިޔަ މަހު ހުށަހަޅައިފައި ވެއެވެ.
ވަކި ޖިންސަކަކަށް ވީތީ ކުރާ އަނިޔާއާ ގެވެށި އަނިޔާގެ 46 މައްސަލައެއްވެސް މިދިޔަ މަހު ވަނީ ޖެންޑާއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 29 މައްސަލައަކާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ އަށް މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލައަކާއި އިހުމާލުވުމުގެ ތިން މައްސަލައަކާއި ބާރާއި ނުފޫޒުފޯރުވުމުގެ ދެ މައްސަލަ އަދި މާލީ/އިގްތިސޯދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއް ހިމެނެއެވެ.
ޖެންޑާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީއަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ އަށް މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް