ވިޔަފާރި

ސެޕްޓެމްބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓް ވެސް ދަށަށް

އަލީ ޔާމިން

ރާއްޖެއަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު އަދި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ދަށަށް ހިނގައްޖެއެވެ.

ސެޕްޓެމްބަރު މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓް ދަށަށް ދިޔައިރު، ވޭތުވެދިޔަ ދެ މަހުގެ އިމްޕޯޓް އެކްސްޕޯޓްވެސް ދިޔައީ ދަށަށެވެ. އަދި އިމްޕޯޓް އެކްސްޕޯޓް އާމްދަނީވެސް ވަނީ ދަށްވެފައެވެ.

ކަސްޓަމްސް އިން މިއަދު އާންމުކުރި ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަދަދު ވަނީ 50 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 1.9 ބިލިއަން ރުފިޔާ ދަށްވެފައެވެ.

ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރި އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު 37 ޕަސެންޓް ދަށްވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 315 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 199 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އެކްސްޕޯޓާއި އިމްޕޯޓް ދަށަށް ދިޔައިރު، މިދިޔަ އަހަރާއި އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް/އެކްސްޕޯޓުން ރާއްޖެއަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 292 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 119 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފައެވެ. މިއީ 59 ޕަސެންޓްގެ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރާއި ޗައިނާ އަދި އިންޑިއާއިންނެވެ. އެގޮތުން ޗައިނާއިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 275 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެއަށް އެތެރެކުރިއެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ދެވަނައަށް އެންމެ ގިނަ މުދާ ޖަރުމަނުވިލާތަށް އެކްސްޕޯޓް ކުރިއިރު، ފަރަންސޭސިވިލާތަކީ މިދިޔަ މަހު ތިން ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ގައުމެވެ.