ދުނިޔެ

ޑާކާގެ 45 ޕަސެންޓު މީހުންގެ ހަށިގަނޑުގައި ކޮވިޑްގެ އެންޓި ބޮޑީ ހުންނާނެ ކަމަށް ދިރާސާއިން ދައްކައިފި

މުހައްމަދު އައުޒަމް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 45 ޕަސެންޓު މީހުންގެ ހަށިގަނޑުގައި ކޮވިޑްގެ އެންޓިބޮޑީ ހުންނާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބަންގްލަދޭޝްގެ އިންސްޓިޓިއުޓް އޮފް އެޕިޑެމިލޮޖީ ޑިޒީސް ކޮންޓްރޯލް އެންޑް ރިސާޗާއި އިންޓަނޭޝަނަލް ސެންޓަރ ފޯ ޑައިރޯއެލް ޑިޒީސް ރިސާޗް ގުޅިގެން ކުރިޔަށް ގެންދިޔަ މި ދިރާސާ ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލުން ޖުލައި އާ ދެމެދު ނެގި ޑޭޓާ އިން ލިބިފައިވާ މައުލޫމާތު ބޭނުން ކޮށްގެންނެވެ.

ވެރިރަށް ޑާކާގެ 3227 ގޭބިސީއެއް މިދިރާސާގައި ބަލާފައި ވެއެވެ. 23699 މީހެއްގެ ގައިން ސާމްޕަލް ނަގާފައި ވެއެވެ.

ދިރާސާގެ ރިޕޯޓު ޝާއިއު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސައިންޓިސްޓު ބުނީ ނަތީޖާއިން ފެންނަގޮތުގައި ޑާކާގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޮޑުބައެއް ކޮވިޑަށް އިމިއުން ވެފައިވާކަން ހާމަވެފައިިވާ ކަމަށެވެ.

މިދިރާސާގެ ސަބަބުން ބަންގްލަދޭޝްގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

މިދިރާސާ ކުރުމަށް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ އިތުރުން ޔޫއެސް އެއިޑް އިން ވަނީ އެހީތެރިވެދީފައެވެ.