ކޮވިޑް 19 އާ ގުޅިގެން، ދައުލަތުގެ ބަޖެޓުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މިނިިވަން ބައެއް މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައި، މަޖިލީހުން މުސާރަތައް ކުޑަ ކުރުމާއި، މުޖުތަމައާ ގުޅުން ހުރީ ކޮން ކަންތައްތަކަކާ ބެހޭ ގޮތުންތޯ، އުއްތަމަ ފަނޑީޔާރާއި، އެހެން ބައެއް ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އެ މައްސަލަ ހުށަހެޅުއްވި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމަަށް އަމާޒު ވެއްޖެއެވެ.
މި މައްްސަލައިގެ އަޑުއެހުމުގައި ސުޕްރީމްކޯޓުގެ ބެންޗުގައި ތިއްބެވީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު، މައްސަލަ ހުށަހަޅުއްވައި ދެއްވުމަށް އުއުތަމަ ފަނޑިޔާރު ހަލީމަށް އެންގެވިއެވެ.
ހަލީމު އެމައްސަލައިގެ ސީޣާ އިއްވެވުމުން، މައްސަލަ ތަފްސީލްކޮށްދެއްވުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.
މައްސަލަ ތަފްސީލްކޮށްދެއްވުމުން، އެ މައްސަލައާ ގުޅިގެން ފުރަތަމަ ސުވާލު ކުރައްވަން ފެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.
އެމަނިކުފާނު ސުވާލު ކުރެއްވީ މި މައްސަލަ ކޯޓަށް ހުށަހެޅުއްވުމުގެ ކުރިން، މަޖިލީހުން މުސާރަ ކުޑަކުރި އެއްވެސް ފަރާތަކާ މަޝްވަރާ ކުރައްވާފައިވޭތޯ އެވެ.
"މިދަންނަވަނީ އެކަމުން އަސަރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާއަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަދި އެއްވެސް ކޮމިޝަނެއްގެ މެންބަރަކު ވެއްޖެއްޔާ އެ ކޮމިޝަންގެ މެންބަރަކަށް މީން އެއްވެސް ބޭފުޅަކާ އެކަމުން ކުރާނެ އަސަރުގެ ވާހަކަ ނުވަތަ އެސުވާލު ކުރެއްވިންތޯ،" އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ހަލީމު ވިދާޅުވީ، އެއިން އެއްވެސް ބޭފުޅަކާ ސުވާލެއް ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އާއްމު އުސޫލުން އާއްމު ނޮލެޖުން ބަލާއިރު މިނިވަން މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސަކީ ވެސް ގާނޫނުން ކަށަވަރު ކޮށްދީފައިވާ މުސާރައިގެ މައްޗަށް އެބޭފުޅުންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަންކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށެވެ.
އެހެންކަމުން ކުއްލިއަކަށް އެބޭފުޅުންގެ މުސާރަ އުނިވެގެން އަންނަ ބަދަލުތަކަކީ މުޖުތަމައުގައި ދިރިއުޅޭ އާއްމު ފަރުދެއްގެ ހައިސިއްޔަތުން ދެނެގަނެވޭނެ ކަންތައްތައްކަމުން އެމޭރުމުން ވިސްނައި އެގޮތުގެ މައްޗަށް ފިކުރުކޮށް މައްސަލަ ހުށަހެޅުއްވީ ކަމަށެވެ. އަދި މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަ ކުޑަކުރުމަކީ މިނިވަން މުއައްސާސަތުގެ މުސްތަގިއްލުކަން ގެއްލިދާނެކަމެއް ކަމަށް ދެކިގެން އެ މައްސަލަ ހުށަހެޅުއްވީ ކަމަށްވެސް ވިދާޅުވިއެވެ.
ދެން އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ އޭރުގެ ގަވާއިދުގެ 38 ވަނަމާއްދާގެ (ށ)ގެ ދެވަނަ މާއްދާއިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު އެ މާއްދާގެ ދަށުން ހުށަހަޅާ މައްސަލައަކީ ގައުމުގެ އާއްމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށް ބުނެފައިވާއިރު އެ މައްސަލަ އާއްމު މަސްލަހަތާ ގުޅޭ ގޮތާއި އާއްމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސލައަކަށް ވީ ގޮތް އޮޅުންފިލުއްވައި ދެއްވުމަށެވެ.
ހަލީމު ވިދާޅުވީ ގައުމުގެ އާއްމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި، ދައުލަތުގެ ހާއްސަ މުއައްސަސާތަކެއް އުފެދިފައިވާއިރު އެ މުއައްސަސާތަކަށް އަންނަ ކޮންމެ ލޮޅުމަކީ ގައުމުގެ އާއްމު މަސްލަހަތަށް ލޮޅުން އަރާނެ ކަމެއް ކަމަށާއި އެހެންކަމުން އެއީ އާއްމު މަސްލަހަތާ ގުޅި ވަކި ނުކުރެވޭ ގޮތަށް އޮތް މައްސަލައެއް ކަމަށެވެ. އެއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާއްމުންގެ މަސްލަހަތާއި، މުޖުތަމައުގެ މަސްލަހަތަށް އަސަރުކުރާނެ ކަމެއް ކަމަށް ވާތީ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ސުވާލު ކުރެއްވީ ވޯޓުލައިގެން ހޮވާފައިވާ މަޖިލިސް މެންބަރެއް ހަލީމުގެ ދާއިރާގައި ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށާއި އަމިއްލަ ދާއިރާގެ މެންބަރާ ނަމަވެސް ނުވަތަ އެހެން މަޖިލިސް މެންބަރަކާވެސް މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވޭތޯ އެވެ.
ހަލީމު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ.
މިމައްސަލައިގައި ދެވަނައަށް ސުވާލު ކުރެއްވީ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވީ މި މައްސަލަ ހުށަހަޅައިގެން ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއްތޯ އާއި މައްސަލަ އެދިފައިވާ ގޮތަށް ނިމިއްޖެނަމަ ދެން އަންނާނެ ބަދަލަކާ ބެހޭ ގޮތުންނެވެ.
މަޖިލީހުގެ ނިންމުމަށް އެތައް މަސްތަކެއް ވެފައި ވާތީ ހަލީމު ވިދާޅުވީ، އެކަމަށް މިހާރު ދެން ވަގުތީ އަމުރެއް ނެރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅުމަކީ، މުޖުތަމައުގެ މަސްލަހަތާއި ރައްކާތެރިކަން ދެމި އޮތުމަށާއި، މުޖުތަމައުގައި ހިނގައިފާނެ ނުރަނގަޅު ކަމަކުން ރައްކާތެރިކުރުމާއި ސަލާމަތް ކުރުމަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަލީމު މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު، މަޖިލީހުން މުސާރަ ކުޑަކުރެއްވި އެއްވެސް ފަރާތަކާ ވާހަކަ ދައްކާފައި ނުވުމާއި، އޭގެން އެއްވެސް ފަރާތެއް އެކަމަށް އެދިފައި ނުވާ މައްސަލަ ފާހަގަ ކުރައްވައި ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވަކީލު ހަލީމު ދައްކަވަނީ އަމިއްލަ ވާހަކަ ތަކެއް ކަމަށާއި މުސާރަ ކުޑަކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން މައްސަލަ ހުށަހުއްވާފައި ނުވާ ކަމަށެވެ. ވަކީލު އެ މައްސަލަ ހުށަހެޅުއްވި ހައިސިއްޔަތާ މެދުވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ހަލީމު ވިދާޅުވީ ހިނގައިފާނެ ނުރަނގަޅު ކަމަކުން މުޖުތަމައު ރައްކާތެރިކުރުމާއި ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ހައްގެއް ކަމަށާއި އެގޮތުން އެ މައްސަލަ ހުށަހެޅުއްވީ އެ ހައިސިއްޔަތުން ކަމަށެވެ.
މި މައްސަލައިގައި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ފިޔަވައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ހަލީމް އާ ސުވާލު ކުރެއްވިއެވެ.
އެ ބޭފުޅުންގެ ސުވާލުކަށްފަހު، އިތުރަށް ވާހަކަ ދެއްކެވުމަށް ހަލީމަށް ފުރުސަތު ދެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި ބޭފުޅަކާ ސުވާލު ކުރަން ބޭނުންވެއްޖެ ހިނދެއްގައި ސުވާލުކުރުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމާ އެއް ގޮތަށް، ރައީސާއި ނައިބު ރައީސާއި ވަޒީރުންގެ އިތުރުން މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ މުސާރަތައް ތިން މަހުގެ މުއްދަތަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއިމަހުގެ ތެރޭގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރުފިޔާ އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000 ރުފިޔާ އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި ތިން މަސް ދުވަހުގެ މުސާރަ މަޖިލީހުން ކަނޑައަޅާފައި ވަނީ ރައީސްގެ މުސާރަ 65،000 ރުފިޔާއަށް، ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަކޮށްފައެވެ.
ސުޕްރީމް ކޯޓް