ދުނިޔެ

ފިލިޕީންސްގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭނޭ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެ

މުހައްމަދު އައުޒަމް

ފިލިޕީންސްގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދޭނެކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެއެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޑުޓާޓޭ ވިދާޅުވީ އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވޭ ވަރަށް ގައުމުގައި ފައިސާ އެބަހުރި ކަމަށާއި އާބާދީގެ އެންމެނަށް ވެކްސިން ދޭން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ޑުޓާޓޭ ވިދާޅުވީ 113 މިލިއަން މީހުންނަށް ވެކްސިން ދޭން ޖެހޭ ކަމަށާއި ފުރަތަމަ އެންމެ އިސްކަމެއް ދޭނީ ގައުމުގައި ތިބި ފަގީރުންގެ އިތުރުން ފުލުހުންނާއި ސަލާމަތީ ބާރުތަކަށް ކަމަށެވެ.

ފިލިޕީންސްގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ ފަށައިފައެވެ. ރައީސް ޑުޓާޓޭ ވަނީ ވެކްސިން ހޯދަން ބޭނުންވަނީ ރަޝިޔާ ނޫނީ ޗައިނާއިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިލިޕީންސުން ވަނީ އެމެރިކާއިން އުފައްދާ ކޮވިޑް ވެކްސިން ހޯދުމަށް އެގައުމާ އެކުވެސް މަޝްވަރާކޮށްފައެވެ.

ފިލިޕީންސް އިން އިއްޔެ އެކަނިވެސް 1910 ކޮވިޑް ކޭސް ފެނިފައިި ވެއެވެ. މިހާތަނަށް އެގައުމުން 346536 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު 6449 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.