ކުޅިވަރު

އިންގްލެންޑް ޑެންމާކު އަތްދަށު ވެއްޖެ، މެގުއާ އަށް ރަތެއް

ޔޫއެފާ ނޭޝަންސް ލީގު ގްރޫޕް އޭ2 ގައި ރޭ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް ބަލިވެއްޖެއެވެ.

އިންގްލެންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ބަލިވެ އިންގްލެންޑަށް ވަނީ ފައިނަލު ބުރަށް ކޮލިފައިވުމުގެ އުންމީދު ހަނިވެފަ އެވެ. ގްރޫޕްގެ އެއްވަނަ ޓީމު އެކަނި ފައިނަލް ބުރަށް ދަތުރުކުރާއިރު، ދެން ގްރޫޕްގައި ބާކީ ކޮންމެ ޓީމަކަށްވެސް އޮތީ ދެމެޗެވެ. ބެލްޖިއަމް އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައަށް ޑެންމާކު ޖެހިލާފައި ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު، ފައިދާ ގޯލްގެ ތަފާތުންނެވެ.

ރޭގެ މެޗު ތެރެއިން އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާއަށް ރަތް ކާޑު ދައްކާފައިވާއިރު، މެޗަށްފަހު ރެފްރީއާ ހިނގި ޒުވާބެއްގައި ޗެލްސީގެ ޒުވާން ޑިފެންޑަރު ރީސް ޖޭމްސްއަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން މެގުއާ ފޯމް ކަޓާފައި ހުރި ދުވަސްކޮޅަކު އޭނާއަށް އިތުރު ޕްރެޝަރަކާ ކުރިމަތި ވީ ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި އޭނާ އަށް ދެއްކި ރަތް ކާޑާއެކުގައެވެ. މެޗުގެ ކުރީކޮޅުގައި ޑެންމާކުގެ ޔޫސުފް ޕައުލްސަން އަށް ކުރި ފައުލަކަށް ރެފްރީ މެގުއާއަށް ރީނދޫ ކާޑެއް ދައްކާފައި އޮތްއިރު، އޭގެ އިރުކޮޅެއް ފަހުން ޑެންމާކުގެ ކެސްޕާ ޑޮލްބާގަށް ކުރި ނުރައްކާތެރި ފައުލާއެކު ރެފްރީ ވަނީ މެގުއާ ދަނޑުން ފޮނުވާލައިފައެވެ.

އިންގްލެންޑް ކޮޅަށް ޑެންމާކު ގޯލް ޖެހީ ރަތް ކާޑުގެ ތިން މިނެޓް ފަހުންނެވެ. ކްރިސްޓިއަން އެރިކްސަން ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗުގައި އިންްގްލެންޑް ކޮޅަށް ޖެހީ ޕެނެލްޓީއެކެވެ. އެ ޕެނެލްޓީއަކީ އޭރިއާ ތެރެއިން ކައިލް ވޯކާ، ތޯމަސް ޑިލަނީއަށް ކުރި ފައުލެކެވެ.

މެޗުގައި އިންގްލެންޑް ފަރާތުން މަދު ފުރުސަތުތަކެއް ފެނުނެވެ. މޭސަން މައުންޓް ބޮލުން ޖެހި ހަމަލާ ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ދިފާއުކޮށް ބޭރުކޮށްލާފައިވާއިރު، އަލަށް ފުރަތަމަ 11 އަށް އެރި ރީސް ޖޭމްސްގެ ކުޅުން ފާހަގަކޮށްލެވުނެވެ. މޮޅަށް ކުޅެ ރީސް ޖޭމްސް މެޗު ނިންމާލި ނަމަވެސް، ރެފްރީއާ ކުރިމަތިލުމުން އޭނާއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ.