މޫސުުން ގޯސް ވެ ށ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓްގައިވާ ގޮތުން ށ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

މެޓުން ބުނީ އެސަރަހައްދުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެ ހޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް މެޓުން ބުނެއެވެ.

ށ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ މުއްދަތަކީ ހެނދުނު 07:45 އިން ފެށިގެން މެންދުރު 11:45 އާ ދެމެދެވެ.

ކުރިޔަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ބުނެފައި ވެއެވެ. ރާއްޖޭގެ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާއިން ލަފާ ކުރެއެވެ.

މެޓުން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓުން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވުމާއެކު ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.