ކުޅިވަރު

މެޗު ކުޅެން ނުދިޔުމުން ޔުވެންޓަސްއަށް މެޗު ދީ، ނަޕޯލީއަށް ޕޮއިންޓެއް އުނިކޮށްފި

ކޮވިޑް 19އާއި ގުޅިގެން ނަޕޯލީއިން ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން، އެކަމުގެ އަދަބެއްގެ ގޮތުން ޕޮއިންޓެއް އުނިކޮށް، ޔުވެންޓަސް އަށް ތިން ޕޮއިންޓް ދީފިއެވެ.

މިމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ނަޕޯލީން ސެރެއާ އޭ ޗެމްޕިއަންސް ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވީ، ނަޕޯލީގެ ސިއްހީ މާހިރުންގެ ލަފާގެ މަތިންނެވެ. ސިއްހީ މާހިރުން އެގޮތަށް ލަފާ ދީފައި ވަނީ މެޗުގެ ކުރިން ނަޕޯލީގެ ދެ ކުޅުންތެރިޔަކު ކޮވިޑް 19 އަށް ޕޮސިޓިވް ވުމުންނެވެ.

އެހެން ނަމަވެސް ސެރެއާ އޭއިން ނިންމާފައި ވަނީ ނަޕޯލީއަށް މެޗަށް ނުދެވުނީ ލީގު ކުރިއަށް ގެންދަން އެކުލަވާލާފައިވާ އުސޫލުތަކަށް ބޯ ނުލެނބުމުން ކަމަށެވެ. ސެރެއާ އޭގެ ކޮމިޓީން ނިންމާފައި ވަނީ ޔުވެންޓަސް އިން މެޗަށް ހާޒިރުވި ކަމަށް ބަލައި، 3-0ގެ ނަތީޖާއަކުން މޮޅުވި ކަމަށެވެ.

ޔުވެންޓަސްއަކީ ކޮވިޑް 19 އެންމެ ފުރަތަމަ ފެތުރެން ފެށި އެއް ކްލަބެވެ. މިހާރު އެ ކްލަބުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ކްލަބުގެ އެމެރިކާ މިޑްފީލްޑަރު ވެސްޓޮން މެކެނީވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަންނަ ހަފްތާގައި ލީގު އަދި ޗެމްޕިއަންސް ލީގުގެ މެޗުތައްވެސް ޔުވެންޓަސްއަށް އޮތްއިރު، މިހާރު މުޅި ސްކޮޑު އެއްކޮށް ތިބީ އަމިއްލައަށް ކަރަންޓީނު ވެގެންނެވެ. އެއީ އިތުރަށް ކޮވިޑް 19 ފެތުރުމުގެ ފުރުސަތު ހަނި ކުރުމަށެވެ.