ކުޅިވަރު

ލިވަޕޫލައި ޔުނައިޓެޑުގެ ހުށަހެޅުންތަކަށް ކްލަބުތަކުން ނޫނެކޭ ބުނެފި

މުޙައްމަދު ޝަމްޢޫން

ކޮވިޑް 19 އާއި ގުޅިގެން އިނގިރޭސިވިލާތުގެ ލީގު ފުޓުބޯޅައަށް ކުރިމަތި ވި އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް "ބިގް ޕިކްޗާ"ގެ ނަމުގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އިސްވެ ހުށަހެޅި ހުށަހެޅުންތަކަށް މެޖޯރިޓީ ކްލަބުތަކުން ނޫނެކޭ ބުނެފިއެވެ.

ޕްރިމިއާ ލީގުގެ 20 ކްލަބުގެ މެދުގައި ނެގި ވޯޓަކުން "ޕްރޮޖެކްޓް ބިގް ޕިކްޗާ" އަށް ނޫނެކޭ ބުނެފައިވާ ކަމަށް ބީބީސީން ވެސް ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި ކްލަބުތަކުން އެއްބަސްވީ އާ ޕްލޭނެއްގެ ދަށުން އިނގިރޭސި ފުޓުބޯޅައަށް ދިމާވެފައިވާ ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށެވެ.

އިއްޔެގެ މީޓިންގައި ކްލަބުތަކުން ވަނީ ތިންވަނަ ޑިވިޝަނާއި ހަތަރުވަނަ ޑިވިޝަންގެ ކްލަބުތަކަށް އެހީވުމަށް ޕްރިމިއާ ލީގުގެ ކްލަބުތައް މެދުވެރިކޮށް، ދޭން ގަސްތުކުރި 50 މިލިއަން ޕައުންޑްގެ އެހީގެ ޕެކޭޖު ނުދިނުމަށްވެސް ނިންމައިފައެވެ. ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިނގިރޭސި ފުޓުބޯޅަ ލީގާއެކު މަޝްވަރާތައް ކޮށް، ތިންވަނަ ޑިވިޝަނާއި ހަތަރުވަނަ ޑިވިޝަންގެ ކްލަބުތަކަށް އެހީވުމަށް އެހެން ގޮތެއް ހޯދާނެ ކަމަށެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އިނގިރޭސި ލީގުތަކަށް 250 މިލިއަން ޕައުންޑުގެ ގެއްލުމެއް ލިބިފައި ވެއެވެ. އެ ގެއްލުމުން އަރައިގަތުމަށް ޕްރިމިއާ ލީގުގެ ބޮޑު ދެ ކްލަބާއެކު އިނގިރޭސި ފުޓުބޯޅަ ލީގުން ހާއްސަ ޕްރޮޕޯސަލެއް ފަރުމާކޮށް، ކްލަބުތަކުގެ ތާއިދު ހޯދުމަށް މަސައްކަތް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެ ޕްރޮޕޯސަލްގެ ގިނަ ކަންތައްތަކަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ޕްރޮޕޯސަލްގައި ހިމެނޭ އެއް ކަމަކީ ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކުގެ އަދަދު 20 އިން 18 އަށް ދަށް ކުރުމެވެ. އޭގެ އިތުރުން ޕްރިިމިއާ ލީގުގައި އެންމެ ގިނަ ދުވަސް ވަންދެން ކުޅުނު ނުވަ ޓީމަށް ހާއްސަ ދަރަޖައެއް ދީ، ބޮޑެތި ކަންކަން ނިންމުމުގެ ވޯޓު ލުމުގެ ބާރު ދޭންވެސް ޕްރޮޕޯސަލްގައި ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ޑިވިޝަންގެ ގަދަ ހަ ޓީމުވެސް ހިމެނޭނެއެވެ. އޭގެ ތެރޭގައި ހާއްސަ ގަވާއިދުތަކާއި، ކޮންޓްރެކްޓް ކަންކަމުގެ އިތުރުން ކްލަބު އޯނާޝިޕާ ގުޅުން ހުރި ކަންކަންވެސް ހިމެނެއެވެ. ބޮޑު ހަ ޓީމުގެ އިތުރުން ހާއްސަ ޓީމުތައް ގޮތުގައި ގުނޭނެ ޓީމުތަކަކީ އެވަޓަން އާއި ވެސްޓް ހަމް އަދި ސައުތު ހޭމްޓަން އެވެ.

ޕްރިމިއާ ލީގުން ދެޓީމު އުނި ކޮށްފިނަމަ، އޮޓޮމެޓިކުން ރެލިގޭޓް ވާނީ ދެ ކްލަބެއް ކަމަށް ޕްރޮޕޯސަލް ގައި ބުނެފައި ވެއެވެ. ތިންވަނަ އަށް އެންމެ ދަށުގައި އޮންނަ ޓީމު ކުޅޭނީ ޕްލޭ އޮފް މުބާރާތެއްގައެވެ. އެ މުބާރާތުގައި ދެވަނަ ޑިވިޝަންގެ ހަތަރު ވަނަ އަދި ފަސްވަނަ ޓީމުވެސް ކުޅޭނެ ކަމަށް ޕްރޮޕޯސަލްގައި ބުނެފައި ވެއެވެ.

އެ ކަންކަމުގެ އިތުރުން ލީގު ފެށުން އޮގަސްޓް މަހަށް ފަސްކުރުމަށާއި، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ހޫނު މޫސުމުގެ ހާއްސަ މުބާރާތެއް ކްލަބުތަކުގެ މެދުގައި ބާއްވަން ވެސް ވަނީ ހުށަހަޅާފައެވެ. އެ ބަދަލުތަކުގެ ތެރެއިން ލީގު ކަޕް ކެންސަލް ކޮށް، ކޮމިއުނިޓީ ޝީލްޑް މެޗުވެސް ކެންސަލް ކުރަން ހުށަހަޅާފައި ވެއެވެ.