ވިޔަފާރި

އުރީދޫ ސުޕަނެޓުގެ ހިދުމަތާއި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ދަރަވަންދޫ އަށް ތައާރަފުކޮށްފި

މަރިޔަމް ޝަހުދާ

ބ. ދަރަވަންދޫ އަށް 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓުގެ ހިދުމަތާއި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކޮށްފި އެވެ. އުރީދޫން މި ހިދުމަތް ދަރަވަންދޫއަށް ތައާރަފު ކޮށްފައިވަނީ އިއްޔެ އެވެ.

އުރީދޫން ބުނީ، ދަރިވަރުންގެ ކިޔެވުމުގެ އިތުރުން ސިއްހީ ހިދުމަތްތައް އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ވެސް ޑިޖިޓަލް ހިދުމަތްތަކުގެ ގޮތުގައި ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ހައި ސްޕީޑުގެ އިންޓަނެޓް ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން އެ ކުންފުނިން ދަރަވަންދޫއަށް ތައާރަފް ކުރި ސުޕަނެޓް ހިދުމަތްތަކާއެކު އެރަށުގެ ރައްޔިތުންނާއި ވިޔަފާރަވެރިންނަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން އިތުރަށް ބުނީ، ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނިން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންގެ މަސައްކަތްތަކަށް ލުއި ހޯދައިދުނުމުގައި ބޭނުން ކުރެވޭނެ އެފަދަ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ މިހާރު ލިބޭނެ އެވެ.