ރާއްޖެއަށް ޗައިނާ ފަތުރުވެރިން ގެނައުމަށް އެގައުމުގެ ދޮރުގައި ޓަކި ޖަހަމުން އަންނަ ކަމަށާއި އުންމީދަކީ އެގައުމުގެ ދޮރު ހުޅުވިގެން ދިއުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް އެގައުމުން 33،939 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިއަހަރުގެ ތެރޭގައި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.
ނަމަވެސް ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން އެގައުމުން ސީދާ ރާއްޖެއަށް އެއްވެސް ފްލައިޓަކުން ދަތުރުކުރަން ފަށާފައިނުވާއިރު، ޖުލައި 15 އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި މީހުންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 85 ފަތުރުވެރިންނެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަށް ގިނަ އެއާލައިންތަކުން ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި އިންޑިއާއާއެކު ހެދި އެއާ ބަބުލްގެ ސަބަބުން އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގައި މިހާރު ވެސް 27،000 ޓޫރިސްޓު އެނދު އޮޕަރޭޓް ކުރަން ފަށާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރިސޯޓެއް ހުޅުވި، އަންނަ އަހަރު ފެށެންވާއިރަށް ރިސޯޓުތަކަށް ފައިދާވާން ފަށާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު މާކެޓަކީ ޗައިނާކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނެވެން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ރަނގަޅު ވެގެންދާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް އެގައުމުން ރާއްޖެއަށް 280،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ޗައިނާ ތަނަކީ. ޗައިނާގެ ދޮރުގައި ޓަކި ޖަހަމުން އަޅުގަނޑުމެން މިދަނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ ހުޅުވާނެ ކަމަށް. ދޮރު ހުޅުވާފައި ޗައިނާ މީހުން ރާއްޖެ އަންނަން ފެށީމާ އެހާ ހިސާބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ އުންމީދަކީ މިއަހަރުގެ ބާކީ އޮތް ދެ މަސް ތެރޭގައި އެއް ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ. އެއީ މިއަހަރުގެ ތެރޭގައި ފަސް ލައްކަ ޓޫރިސްޓުން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީގެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ އަދަދެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް ރާއްޖެއަށް 402،089 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު