Close Election
Close
ޚަބަރު

ދީބާޖާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މާދަމާ ފަށަނީ

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ދީބާޖާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެ ހުކުމް އަލުން ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އޭޖީ ނިންމެވިކަން އެ އޮފީހުން ހާމަކޮށްފައިވަނީ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އަދި އެ މަހުގެ 28 ވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ އެ ކޯޓަށް ބަލައިގެންފައިވަނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓުުގެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:00 ޖަހާއިރު އޮންނާނެ ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު އޮތީ ދަމަހައްޓައިފަ އެވެ.

އެހެންކަމުން އެ ހުކުމާ އެއްގޮތަށް ދައުލަތުން ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދީބާޖާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ބަދަލު ދިނުމުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ކޯޓުން ބޭރުގައި އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވި އެވެ. ނަމަވެސް އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންގަވައިފަ އެވެ.