"ޗާޓަރު އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ" (ސީޑީއާރުއައި)ގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި އެ ޗާޓަރުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އެ ޗާޓަރުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ރައީސް އޮފީހުން ބުނީ، އެ ޗާޓަރަކީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ އުމްރާނީ ތަރައްގީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި ގައުމުތަކާއި އދ. ގެ އެޖެންސީތަކާއި ޕްރޮގްރާމްތަކާއި މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމްތަކާއި ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕާޓްނާޝިޕެއް ކަމަށް ވަޒީރުންގެ މަޖިލީހަށް އެ ކަރުދާސް ހުށަހަޅުއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ކަމަށެވެ.
އެ ކޯލިޝަންގެ އަމާޒުތަކާއި ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ އަށް އިންވެސްޓް ކުރުން ފަދަ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ އެ ޗާޓަރު ގުޅިފައިވާތީ އާއި އެ ޗާޓަރަކީ އިންޑިއާގެ އިސްނެންގެވުމެއް ކަމުގައިވާތީ ރާއްޖެއިން އެ ކޯލިޝަނަށް ތާއީދުކޮށް އދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ވާހަކަދައްކައިފަ އެވެ.
ރައީސް އޮފީހުން ބުނީ، އެ ޗާޓަރުގެ މައިގަނޑު މަގުސަދަކީ އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްގީކުރުމާއި މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުން ކަމަށެވެ.
އެ ޗާޓަރުގެ މަގުސަދުތަކާއި ތަސައްވުރާއި ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި ސެންޑައި ފްރޭމްވޯކް ފޮ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި އދ.ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން އެ ޗާޓަރުގެ ތެރެއިން ކާރިސާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ގާބިލުކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރެ އެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖެއިން އެ ޗާޓަރުގައި ބައިވެރިވުމަށް ނިންމި އިރު، މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު