ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރަނގަޅު ދުވަހެއްގައި އޭނާ ހުއްޓުވޭނެ ޑިފެންޑަރަކު ނުހުންނާނެ ކަމަށް ޑީޖާން ކުލުސެވްސްކީ ބުނެފިއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑެން އިން ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކުލުސެވްސްކީ ވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ކުލްސެވްސްކީ އަކީ ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް ކުޅެމުން އަންނަ އުންމީދީ ކުޅުންތެރިއެކެވެ.

ނޭޝަންސް ލީގުގައި ޕޯޗުގަލްއިން ވަނީ އެއްފަހަރު ސްވިޑެން ބަލިިކޮށްފައެވެ. އެ މެޗުގައި ސްވިޑެން ކޮޅަށް ޖެހި ދެ ގޯލްވެސް ޖެހީ ރޮނާލްޑޯއެވެ. މިހާތަނަށް ގައުމީ ޓީމަށް 101 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯގެ އުންމީދަކީ އިރާނަށް ކުޅުނު އަލީ ދާއީގެ ރެކޯޑު މުގުރާލުމެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އަލީ ދާއީ އަތުގައި އޮތީ 109 ގޯލް ޖަހައިގެންނެވެ.

"ރޮނާލްޑޯގެ ރަނގަޅު ދުވަހެއްގައި އޭނާ ހުއްޓުވޭނެ ހަމަ އެކަކުވެސް ނުހުންނާނެ. ދަނޑުމަތީގައި ހުރިހާ ކަމެއް ނިންމާނީ އަމިއްލައަށް. ފުރަތަމަ މެޗުގައިވެސް އަހަރެމެންގެ ޓީމަށް ރޮނާލްޑޯ ނުހުއްޓުވުނު. ދެން އަނެއްކާވެސް އިތުރު ފުރުސަތެއް މި ލިބެނީ. ރޮނާލްޑޯއާއެކު ކުޅުނަސް، އޭނާ ހިފަހައްޓާނެ ގޮތެއް ނޭނގެ. ވަރަށް ބޮޑަށް އުނދަގޫކޮށް، މެޗުން ބޭރަށް ވިސްނުން އަނބުރާލައިގެން ކަންނޭނގެ ރޮނާލްޑޯ ހުއްޓުވޭނީ،" ކުލުސެވްސްކީ ބުނެފައި ވެއެވެ.

ސްވިޑެންއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުލުސެވްސްކީ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމުރުން 16 އަހަރު އެތުލާންޓާއަށް ދިޔަ ކުލުސެވްސްކީ ވިދާލީ މިދިޔަ އަހަރު ޕާމާގައެވެ. އޭނާ ވަނީ އެ ކްލަބަށް 10 ގޯލް ޖަހައިދިނީ ނުވަ އެސިސްޓް ހަދައިދީފައެވެ. މިހާތަނަށް ޔުވެންޓަސްއިން މި ސީޒަންގައި ކުޅުނު ދެ މެޗުގައިވެސް ކުލުސެވްސްކީ ވަނީ ފެނިފައެވެ.