ދިޔަރެސް ނޫހުގެ ދެ ނޫސްވެރިޔަކަށް މަގުމަތިން ފުރައްސާރަކޮށް ބިރުދެއްކި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް އެކަމަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޖޯނަލިޒަމް އެސޯސިއޭޝަން، އެމްޖޭއޭއިން ގޮވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ކުރި ޓުވީޓެއްގައި މިހެން ބުނެފައިވަނީ ދިޔަރެސް އޮންލައިން ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު އަޒާން އަދި ނާހިލް އަހުމަދާ ބަޔަކު މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި ކަމަށް ބުނާ މައްސަލައިގައެވެ.
ނޫސްވެރިންނަށް ބިރުދައްކައި، އިންޒާރުދީ، ފުރައްސާރަކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އެފަދަ އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް އެމްޖޭއޭ އިން ބުނެފައި ވެއެވެ. މީގެ އިތުރުން އިންސާފު ގާއިމްކުރުން ލަސްވެގެން ދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައި ވެއެވެެ.
ނޫސްވެރިންނާ ދެކޮޅަށް ހިންގާ މި ފަދަ ކުށްތަކަކީ ރާއްޖޭގައި ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހެއް ކަމުގައި އެމްޖޭއޭއިން ސިފަ ކޮށްފައި ވެއެވެ. އަދި ނޫސްވެރިންނަށް ދިމާވާ މިފަދަ ހުރިހާ މައްސަލައެއް ވީ އެންމެ އަވަހަކަށް އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އިލްތިމާސްކޮށްފައި ވެއެވެ.
ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަޒާން އިއްޔެ ކުރި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އަލްހާންގެ ރަހުމަތްތެރިޔަކު، މަގުމަތިން އަޒާން އާއި ނާހިލްއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އަޒާން އާއި ނާހިލްގެ ފޮޓޯތައް ފޮޓޯޝޮޕް ކޮށްގެން، އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ކަމަށް އަޒާން އަލްހާން އަށް ތުހުމަތު ކޮށް، މި މައްސަލަ އިންސާފާއެކު ތަހުގީގު ކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ކިބައިން އެދިފައި ވެއެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)