މެންޗެސްޓާ ޔުނައިޓެޑުން 1992 ވަނަ އަހަރު ހޯދި ފުރިހަމަ ކާމިޔާބީގައި ހިއްސާވާ ލެޖެންޑުންގެ ކްލަބެއް ކަމަށްވާ ސަލްފޯޑް ސީޓިގެ ވަގުތީ ކޯޗަކަށް ޕައުލް ސްކޯލްސް ހަމަޖައްސައިފިއެވެ.

ކްލަބުގެ އެއް ހިއްސާދާރު، އަދި ޔުނައިޓެޑަށް ގިނަ ދުވަސްތަކެއް ވަންދަން ކުޅުނު ސްކޯލް އެ މަގާމަށް ހަމަޖެއްސީ ޓީމާ ހަވާލުވެ ހުރި ގްރަހަމް އެލެކްސެންޑާ މަގާމުން ވަކިކުރުމަށްފަހުއެވެ. އިނގިރޭސި ހަތަރުވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ސަލްފޯޑު، 2018-19 ވަނަ އަހަރުގެ ސީޒަންގައި ޕްރޮމޯޓް ކޮށްދިން ކޯޗަކީ އެލެކްސެންޑާއެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި ހަތަރު ވަނަ ޑިވިޝަންގައި ކުޅުނު 20 މެޗުން އެ ކްލަބު މޮޅުވީ އެންމެ ހަތް މެޗުންނެވެ.

އެލެކްސެންޑާއާއެކު ސަލްފޯޑުން މި ސީޒަން ފެށީ ރަނގަޅަށެވެ. ފުރަތަމަ ފަސް މެޗުން ބަލިވެފައި ނުވާއިރު، ކްލަބު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ސަލްފޯޑުގެ ވެރިންނަކީ މީގެ ކުރިން ޔުނައިޓެޑުގައި ވިދާލި ލެޖެންޑުންތަކެކެވެ. ޕްރޮޖެކްޓް 92ގެ ނަމުގައި ހިންގާ ކުންފުންޏެއްގެ ދަށުން ސަލްފޯޑު ހިންގަން ފެށީ 2014 ވަނަ އަހަރުން ފެށިގެނެވެ. ކްލަބުގެ މެޖޯރިޓީ ހިއްސާދާރުންނަކީ ކޯޗު ސްކޯލްސްއާއި، ޑޭވިޑް ބެކަމްގެ އިތުރުން ރަޔަން ގިގްސް، ނިކީ ބަޓް، ގެރީ ނެވިލް އަދި ފިލް ނެވިލްއެވެ.

އެ ކްލަބުގެ ބާކީ ބައިގެ ހިއްސާދާރަކީ ސިންގަޕޫރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޕީޓާ ލިމްއެވެ.

ޒަމާންވީ ކްލަބު ސަލްފޯޑުގެ ކޯޗުކަމާ ހަވާލުވި ސްކޯލްސްއަކީ ކޯޗިންގައި މާބޮޑު ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ. މީގެ ކުރިން އަމިއްލަ ސިޓީގެ ކްލަބެއް ކަމަށްވާ އޮލްޑްހަމް އެތުލެޓިކްގެ ކޯޗަކަށް ސްކޯލްސް އުޅެފައި ވެއެވެ. 31 ދުވަހަށްފަހު އެ މަގާމުން ސްކޫލްސް އިސްތިއުފާދީފައިވާއިރު، މިހާރު ފެންނަނީ ޓީވީގެ އެނަލިސްޓެއްގެ އިތުރުން ފުޓުބޯޅަ ހިންގުމުގެ ތެރެއިންނެވެ.

ހަބަރުތައް ބުނާ ގޮތުން އެ މަގާމުގައި ސްކޯލްސް ހުންނާނެ ކަމަށް ބެލެވެނީ ކުޑަ ދުވަސްކޮޅެއްގައެވެ. ޓީމުގެ އެސިސްޓެންޓް ކޯޗު މިވަގުތު ކަރަންޓީނުގައި ހުރުމުން ޓީމު ވަގުތީ ގޮތުން ސްކޯލްސްއާ ހަވާލުކުރި ނަމަވެސް، އެސިސްޓެޓް ކޯޗު ކަރަންޓީނު ނިމުމާއެކު ސްކޫލް މަގާމުން ދާނެ ކަމަށް ބެލެވެއެވެ.