ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 9،639 މީހަކަށް 101.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އެގޮތުން އެ ޕެކޭޖުން ދޫކުރި ފައިސާގެ އަދަދު މިހާރު ވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފަ އެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ތެރެއިން މިދިޔަ އޮގަސްޓު މަހުގެ އެލަވެންސަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ސަރުކާރުން ފަހުން އެކުލަވައިލި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުގައި ބުނާ ގޮތުން، ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވަންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މީގެ އިތުރުން އެލަވަންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.