ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުންނަށް އޭނާ ދިން ބަޔާނަށް އުނި އިތުރު ގެނެސް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ކުރާ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި އެވެ.

އުމުރުން 27 އަހަރުގެ އެ ކެންޔާ އަންހެން މީހާގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރި ވެވަޑައިގަންނަވާ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ ވަނީ، އެ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ބަޔާން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށް އެކަމާގުޅޭ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިކްޓިމްގެ ބަޔާން ބަދަލު ކުރަނީ ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއަކީ ވިކްޓިމްއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިންއަކަށް ފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓު ކުރުމުގެ މަރުހަލާގައި ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕެއް ކަމަށެވެ. އަދި އެ ވީޑިއޯއަކީ މައްސަލަ ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިއީ ވިކްޓިމްގެ ބަޔާނަށް އުނި އިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތާއި ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އަދި މި ވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ގާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫންކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ތަހުގީގަށް ކުރެވޭ އިންޓަވިއު ބަޔާނެއް ގޮތަށް ލިޔާއިރު، އެ ވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހުގީގުގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ބަޔާންދޭ ފަރާތުންގެ ޖަވާބުތަކުގެ މައްޗަށް ތަހުގީގު ކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓު ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ވިކްޓިމްގެ ބަޔާން ބަދަލު ކުރުން ނޫން ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވިކްޓިމްގެ ބަޔާނުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާނީ ބަޔާންދޭ ފަރާތުގެ ގާނޫނީ ވަކީލުން އެ ބަޔާން ބަލައި ޗެކު ކުރުމަށްފަހު، އެއަށް ގެންނަށްޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަމަށާއި އަދި އޮންލައިންކޮށް އިންޓަވިއު ކުރުމަށް އަމަލުކުރާ އުސޫލުގައި ބަޔާން ޓައިޕް ކުރުމަށްފަހު އެއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ މެއިލް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އާންމުވެފައިވާ ވީޑިއޯ ކްލިޕަކީ ވަކީލުން އައްޔަން ކުރި ފަހުން، ވިކްޓިމް ކުރިން ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް، ބަޔާނުގައި އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމްގެ ވަކީލު ވިކްޓިމްގެ ބަޔާން ބަދަލު ކުރުމަށް އަލުން އިންޓަވިއު ކުރުމަށް އެދި ލިޔުމުން ހުށަހެޅުމުން ވަކީލުންގެ ހާޒިރުގައި ކުރެވިފައިވާ ދެވަނަ އިންޓަވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާއި ދޭތެރޭ ތަހުގީގު ކުރި އޮފިސަރުން ބަޔާނުން އިސްލާހު ކުރުމަށް ހުށައެޅުނު ކަންކަމާއިމެދު މަޝްވަރާ ކުރަން ދެކެވުނު ވާހަކަތަކެއް ކަމަށެވެ.

އަދި އެ ވީޑިއޯގެ ރިކޯޑިންއަކީ ތަހުގީގުގެ ބޭނުމަށް ކޮށްފައިވާ ރިކޯޑިންއަކަށް ވެފައި، އަދި ވަކީލަށް އެ ރިކޯޑިންގެ އެކްސެސް ދީފައިވަނީ ތަހުގީގަށް ކަމަށްވާއިރު މުޖުތަމައުއަށް މިފަދައިން ވީޑިއޯ އާންމު ކުރުމަކީ ވިކްޓިމްގެ ހައްގަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ އިދާރާއިން ހިންގާ ޖިނާއީ ތަހުގީގު ތަކުގައި ކުރާ އިންޓަވިއު ނުވަތަ ކުރާ މަސައްކަތާމެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖައްސާފައިވާ ނިޒާމުގެ ބޭނުން ކުރުމެއް ނެތި، މިފަދަ މައުލޫމާތު ހާމަކުރުމަކީ އެ ސާވިސްއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ފުލުހުން ކުރާ އިތުބާރު ގެއްލުވާލުމަށް ކުރާ ނާތަހުޒީބު އަމަލެއް ކަމަށް ދެކޭ ކަމަށް ވެސް ބުންޏެވެ.

ބަޔާން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވަކީލުން ބުނެފައިވާތީ ފުލުހުން ބުނީ، އެ ކޮމިޝަންގެ ތަހުގީގަށް އެ އިދާރާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މައްސަލަ ނިމޭގޮތެއްގެ މައްޗަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.