ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު، އެ ބޭފުޅުންގެ ކުޑަކުދިން ހަވާލު ކުރާނެ ފަރާތެއް ނެތްނަމަ، އެކުދިން މަޖިލީހަށް ގެންގޮސް އެކުދިން ބައިތިއްބާނެ މައިންގެ ކޮޓަރިއެއް ރައްޔިތުންގެ މަޖިލީހުގައި ގާއިމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވީ އެ ކޮޓަރި މިއަދުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ބަނޑަށް ފަސް މަސް ވެގެންދާ މެންބަރަކު މަޖިލިސް ޖަލްސާ އަށް ވަޑައިގެން ގޮނޑިތަކާއި މޭޒާ ދޭތެރެއިން ވަޑައިގެން ގޮނޑީގައި އިށީންނެވުމަށް އުނދަގޫވެ ވަޑައިގަންވާތީ އެ މެމްބަރުގެ ގޮނޑި ޖަލްސާގެ މާލަމުގެ އެއްކައިރިއަށް ނެރެދެއްްވުމަށް އެދިވަޑައިގެން މަޖިލީހުގެ އަމީންއާމަށް ދަންނަވާފައިވާކަން ފާހަގަކުރައްްވަ އެވެ. ނަމަވެސް އެއީ ކޮން މެމްބަރެއް ކަމެއް ވިދާޅެއްނުވެ އެވެ.
މަޖިލިސް ތަޅުގައި ގޮނޑި ޖަހާނެ ގަވާއިދެއް ނޯންނަކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާކުރާ މާލަމުގައި މެންބަރުން އިށީންދެވަޑައިގެން ތިއްބަވަނީ، ޒަމާނުއްސުރެން އެތަނުގައި ގޮނޑިޖަހާފައިވާ ގޮތަށް ކަމަށެވެ. އޭގެ އިތުރުން މާބަނޑު އަންހެނުންނަށް ޖާގަ ހަދައިދޭ އުސޫލެއް ވެސް މަޖިލީހުގައި ނޯންނަ ކަމަށާއި ނަމަވެސް މާބަނޑު އަންހެނުންނަން މަޖިލީހުގެ ތަންތަން ބޭނުން ނުކުރެވޭ ގޮތަށް ކަންކަން އޮންނަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޑަވަގުތު ކޮޅަކަށް އެހެން ތަނަކަށް ކުޑަކުދިން ފޮނުވެން ނެތް ހުރިހާ ބޭފުޅުންނަށް، މައިންގެ ކޮޓަރިއަށް ކުޑަކުދިން ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެތަނުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ވީ މިންވަރަކުން އެކުދިން ބަލަހައްޓަވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަ ކުދިންނަކީ މައިންބަފައިން ބަލަހައްޓާ ބައެއް. މައިން ބަލަހައްޓާ ބައެއް ނޫން އަދި ބައްޕައިން ވެސް ކުޑަކުދިންނަށް އަޅާލުމާއި ބަލެހެއްޓުމާއި އެކަންކަން ކުރައްވަމުން ގެންދަވަން ޖެހޭނީ ހަމަހަމަކޮށް، އެއްމިންވަރަށް، އެހެންވީމާ ހުރިހާ ބޭފުޅުން ވެސް، އެއްވެސް އިއްޒަތްތެރި މެންބަރެއްގެ ކުޑަ ކުއްޖަކުވާނަމަ އަދި އެކުއްޖަކު މާމައެއް ގާތަަށް، ނުވަތަ ބޮޑުދައިތައެއް، ގާތްތިމާގެ ދައްތައެއް، ދެބެއިންގެ ދެދަރި މީހެއް ގާތަށް ފޮނުވެން ނެތްނަމަ މިތަނުގައި އެކަން ހަމަޖެހެނޭނެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް