ޔޫއެެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ވަރުގަދަ ބެލްޖިއަމްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިންގްލެންޑްގެ ވެމްބްލީގައި ސަޕޯޓަރުންނާ ނުލައި ކުޅުނު މެޗު އެގައުމުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ބެލްޖިއަމްއަކީ ދުނިޔޭގެ އެއްވަނަ ޓީމުގެ ގޮތުގައި ރޭންކް ކޮށްފައިވާ ޓީމެވެ. އެ މަގާމުގައި ބެލްޖިއަމް އޮންނަތާ ގިނަ ދުވަސްތަކެއްވެސް ވެއްޖެއެވެ. 2018 ވަނަ އަހަރު ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ފަހުން ބެލްޖިއަމް ބަލިވެފައި ނުވުމަކީ އެ މަގާމުގައި އޮތުމުގެ އެއް ސަބަބެވެ. އެންމެފަހުން ކުޅުނު 47 މެޗުގެ ތެރެއިން ބެލްޖިއަމް ބަލިވީ އެންމެ ހަތަރު މެޗުންނެވެ.

ރޭގެ މެޗުން އިންގްލެންޑް ހޯދި މޮޅަކީ ވާދަވެރި މެޗެއްގައި ބެލްޖިއަމް އަތުން ހޯދި ދެވަނަ މޮޅެވެ. މީގެ ކުރިން އިންގްލެންޑުން ބެލްޖިއަމް ބަލިކޮށްފައި ވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ވެމްބްލީގައި އިންގްލެންޑުން އެންމެފަހުން ކުޅުނު ވާދަވެރިކަމުގެ 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެފައި އޮތުމަކީ ރޭގެ މެޗަށް ނުކުތްއިރު، ބޮޑު ހިތްހަމަ ޖެހުމެކެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ޕެނެލްޓީ ލިބިފައި ވެއެވެ. ބެލްޖިއަމްއަށް ލިބުނު ޕެނެލްޓީއަކީ އެރިކް ޑަޔާ ލުކާކޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއެކެވެ. އެ ޕެނެލްޓީ ގޯލަށް ވައްދާލައި ލުކާކޫ ވަނީ ގައުމީ ޓީމުގެ ޖާޒީގައި ޖެހި 53 ވަނަ ގޯލު ހަމަކޮށްފައެވެ. ހާފް ނިމުމުގެ ކުރިން އިންގްލެންޑަށް ވެސް ޕެނެލްޓީއެއް ލިބިފައިވެއެވެ. އެ ޕެނެލްޓީ ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، އިންގްލެންޑް މޮޅު ކޮށްދިން ގޯލަކީ މޭސަން މައުންޓް ޖަހައިދިން ގޯލެކެވެ. އެ ގޯލަކީ މައުންޓް ވެމްބްލީގައި ޖެހި ފުރަތަމަ ގޯލެވެ.

ރޭގެ މޮޅާއެކު އިންގްލެންޑް ގްރޫޕް އޭ2 ގެ އެއްވަނައަށް ޖެހިލިއިރު، ބެލެޖިއަމް އޮތީ ދެވަނައިގައެވެ. މި އިންޓަނޭޝަނަލް ބްރޭކް ނިމުމުގެ ކުރިން އިންގްލެންޑާއި ބެލްޖިއަމްއިންވެސް އަދި ނޭޝަންސް ކަޕްގެ އިތުރު އެއް މެޗު ކުޅޭނެއެވެ. ބެލްޖިއަމްއިން އައިސްލޭންޑާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވާއިރު، އިންގްލެންޑުން ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.