ކުޅިވަރު

ޕްރިމިއާ ލީގު 18 ޓީމަށް ހެދުމަށް ލިވަޕޫލުން އިސްނަގަނީ

މުޙައްމަދު ޝަމްޢޫން

އިނގިރޭސި ފުރަތަމަ ޑިވިޝަނަކީ 18 ޓީމުގެ މެދުގައި ކުޅެވޭ ލީގަކަށް ހެދުމަށް ލީގުގެ އެންމެ ވަރުގަދަ އެއް ކްލަބު ލިވަޕޫލާއި ޔުނައިޓެޑުން އިސްނަގައިގެން ޕްރޮޕޯސަލްއެއް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ހަބަރުުތައް ބުނެފިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އިނގިރޭސި ލީގުތަކަށް 250 މިލިއަން ޕައުންޑުގެ ގެއްލުމެއް ލިބިފައިވެއެވެ. އެ ގެއްލުމުން އަރައިގަތުމަށް ޕްރިމިއާ ލީގުން ހާއްސަ ޕްރޮޕޯސަލެއް ފަރުމާކޮށް، ކްލަބުތަކުގެ ތާއިދު ހޯދުމަށް މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެ ޕްރޮޕޯސަލްގައި ހިމެނޭ އެއް ކަމަކީ ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކުގެ އަދަދު 20 އިން 18 އަށް ދަށް ކުރުމެވެ. އެ ބަދަލަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކުން ތާއީދު ކުރާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އިނގިރޭސި ފުޓުބޯޅައަށް ދިމާވި ގޮންޖެހުންތަކުން އަރިގަތުމަށް ސަރުކާރުގެ އެއްބާރުލުންވެސް ދޭން ތައްޔާރުވަމުން އަންނައިރު، ގްރާސް ރޫޓްގެ އިތުރުން އަންހެން ފުޓުބޯޅަ، އަދި ނޮން ލީގު ކްލަބުތަކަށް އެހީވުމަށް އިނގިރޭސި ލީގަށް 100 މިލިއަން ޕައުންޑް ދޭނެއެވެ.

އިނގިރޭސި ލީގުން ތައްޔާރުވަމުން އަންނަ ޕްރޮޕޯސަލްގެ ދަށުން ޕްރިިމިއާ ލީގުގައި އެންމެ ގިނަ ދުވަސް ވަންދެން ކުޅުނު ނުވަ ޓީމަށް ހާއްސަ ދަރަޖައެއް ދީ، ބޮޑެތި ކަންކަން ނިންމުމުގެ ވޯޓު ލުމުގެ ބާރު ދެވޭނެއެވެ. އޭގެ ތެރޭގައި ޑިވިޝަންގެ ގަދަ ހަ ޓީމުވެސް ހިމެނޭނެއެވެ. އޭގެ ތެރޭގައި ހާއްސަ ގަވާއިދުތަކާއި، ކޮންޓްރެކްޓް ކަންކަމުގެ އިތުރުން ކްލަބު އޯނާޝިޕާ ގުޅުން ހުރި ކަންކަންވެސް ހިމެނެއެވެ. ބޮޑު ހަ ޓީމުގެ އިތުރުން ހާއްސަ ޓީމުތައް ގޮތުގައި ގުނޭނެ ޓީމުތަކަކީ އެވަޓަންއާއި ވެސްޓް ހަމް އަދި ސައުތު ހޭމްޓަންއެވެ.

ޕްރިމިއާ ލީގުން ދެޓީމު އުނި ކޮށްފިނަމަ، އޮޓޮމެޓިކުން ރެލިގޭޓް ވާނީ ދެ ކްލަބެއް ކަމަށް ޕްރޮޕޯސަލް ގައި ބުނެފައި ވެއެވެ. ތިންވަނަ އަށް އެންމެ ދަށުގައި އޮންނަ ޓީމު ކުޅޭނީ ޕްލޭ އޮފް މުބާރާތެއްގައެވެ. އެ މުބާރާތުގައި ދެވަނަ ޑިވިޝަންގެ ހަތަރު ވަނަ އަދި ފަސްވަނަ ޓީމުވެސް ކުޅޭނެ ކަމަށް ޕްރޮޕޯސަލްގައި ބުނެފައި ވެއެވެ.

އެ ކަންކަމުގެ އިތުރުން ލީގު ފެށުން އޮގަސްޓް މަހަށް ފަސްކުރުމަށާއި، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ހާއްސަ ހޫނު މޫސުމުގެ މުބާރާތެއް ކްލަބުތަކުގެ މެދުގައި ބާއްވަންވެސް ވަނީ ހުށަހަޅާފައެވެ. އެ ބަދަލުތަކުގެ ތެރެއިން ލީގު ކަޕް ކެންސަލް ކޮށް، ކޮމިއުނިޓީ ޝީލްޑް މެޗުވެސް ކެންސަލް ކުރަން ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޕްރޮޕޯސަލްގެ މައިގަނޑު ހުށަހެޅުމަކީ ޕްރިމިއާ ލީގުގެ އެންމަ މަތީ ފަންތީގެ ކްލަބުތަކާއި، ލީގުގެ ދަށް ފަންތީގެ ކްލަބުތަކާ ތަފާތު ކުޑަކުރުމަށް ހަރުދުތަކެއް ކުރުމެވެ. އެގޮތުން ލީގަށް ލިބޭ ފައިދާގެ ތެރެއިން 6 ޕަސެންޓް، ދަށް ކްލަބުތަކުގެ ސްޓޭޑިއަމްތައް ތަރައްގީ ކުރުމަށާއި، އަވޭ ޓިކެޓްގެ އަގުތައް ހެޔޮ ކުރުމަށް ބޭނުން ކުރާނެ ގޮތެއް ހޯދުމަށް ޕްރޮޕޯސް ކޮށްފައިވެއެވެ.