ޚަބަރު

އަމާޒަކީ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން: ޖެންޑާ މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންވާސް ވިތް މިނިސްޓަރު" ހަރަކާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އަންހެން ކުދިން، އެ ކުދިންގެ އަމިއްލަ ނަފްސާމެދު ދެކޭގޮތް ހަރުދަނާކުރުމަށާއި ކޮންމެ ކުއްޖަކީ ވެސް ގާބިލުކަން ހުރި ކުއްޖަކަށް ހެދުމަށް ކަމަށެވެ.

"މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރުކާރުން ކުރަމުންދާނެ މަސައްކަތްތަކެއް،" ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ހަރަކާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ކޮންވާސް ވިތް މިނިސްޓަރު ހަރަކާތަކީ މި އަހަރުގެ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ކުދިންގެ އަޑުއަހައި އެކުދިން ބާރުވެރިކުރުވައި ބައިވެރިވުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި މިނިސްޓަރާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ކުދިން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށް ވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުން ފާސްކޮށްގެން، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިޔާރަކީ "މައި ވޮއިސް: އަވާ އީކުއަލް ފިއުޗާ" އެވެ.