ބްރެޒިލުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އަމާޒު ހިފާފައިވާ އިރު، ރޭ ކުޅުނު ކޮލިފިކޭޝަން މެޗުން ބޮލީވިއާ ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ދެ ގޯލު ޖެހި ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ އަދި ނޭމާއަށް ކޯޗު ޓީޓޭ ތައުރީފް ކޮށްފައިވާ އިރު، ނޭމާގެ ގޯލެއް ނުފެނުނަސް، މެޗުގެ ތަރިއަކީ އޭނާއެވެ. ގޯލުތައް ޖެހީ ފިރްމީނޯގެ އިތުރުން މާކީނިއޯސްއާއި ފިލިޕް ކުޓީނިއޯއެވެ.

މެޗަށްފަހު ޓީޓޭ ބުނީ ބްރެޒިލުން ހޯދަމުން ދަނީ ބާލައިލަން ރީތި ބްރެޒިލްގެ ހިތްގައިމު ފުޓުބޯޅަ، މި ޒަމާނަށް ފައްކާވާނެ ސްޓައިލެއް ކަމަށާއި އެ ސްޓައިލަށް ޓީމު ހޭނެމުން އަންނަ ކަމަށެވެ.

"މި ހޯދަމުންދަނީ، މައުލޫމާތު އެއްކުރަނީ ބްރެޒިލްގެ ހިތްގައިމު، ބަލައިލަން ރީތި ފުޓުބޯޅައަށް ޓީމު ބައްޓަން ކުރާނެ ސްޓްރެޖީއެއް. ބްރެޒިލްގެ ހިތްގައިމު ކަމުގައި ޓީމު ކުޅޭނެ މަންޒަރު އެބަ ފެނޭ. ނޭމާ ކުޅުނީ ވަރަށް ފްރީ ރޯލެއް. ކުޓީނިއޯ ވަރަށް ބޮޑަށް މެދު ތެރެއިން ކުރިއަށް. ފިރްމީނޯ ބޯޅަ ހޯދަން މަަޑުކޮށްގެން ކުޅުނީމަ ދެ ގޯލް ޖެހުނީ. މި ސިސްޓަމް ބަދަލުކުރުމަށް ނުވިސްނާ ދެން ވިސްނާނީ ފައްކާ ކުރުމަށް،" މެޗަށްފަހު ޓީޓޭ ބުންޏެވެ.

ބްރެޒިލްގެ ފުޓުބޯޅައަކީ ޔޫރަޕްގެ ފުޓުބޯޅައާ އަބަދުވެސް ތަފާތު ފުޓުބޯޅައެކެވެ. ޔޫރަޕުގެ ފުޓުބޯޅައަށް ދުނިޔެ ހޭނިފައިވާ އިރު، ބްރެޒިލްގެ ކުޅުންތެރިންނަށްވެސް އެ ސްޓައިލް ދަސްކުރަން މިހާރު ވަނީ ވަރަށް ބޮޑަށް މަޖުބޫރުވެފައެވެ. ޕެލޭއާއެކު ބްރެޒިލުން ތިން ވޯލްޑް ކަޕް ނަގާފައިވަނީ އެމީހުންގެ މަޝްހޫރު 'ޖިންގާ' ސްޓައިލްގެ ކުޅުމާއެކުގައެވެ. އޭގެ ފަހުން އައި ގިނަ ކުޅުންތެރިންގެ ވެސް ތަފާތު ބޯޅައިގެ ހުނަރުވެރިކަން ފާހަގަކޮށްލެވެއެވެ. 2002 ވަނަ އަހަރު ބްރެޒިލުން ވޯލްޑް ކަޕް ނަގާފައިވާ ޓީމަކީ އެންމެފަހުން ބްރެޒިލަށް އައި އިންގިލާބީ ޓީމެވެ.

އެ ވޯލްޑް ކަޕަށްފަހު ބްރެޒިލަށް ވޯލްޑް ކަޕްގައި އަދި އެންމެ އެދެވޭ ހިސާބަކަށް ދެވިފައެއް ނުވެއެވެ. 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީން ބްރެޒިލް ބަލިވީ ޖަރުމަނު ކައިރިން 7-1ގެ ލަދުވެތި ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބްރެޒިލްގެ ޓީމު އޯވާހޯލްކޮށް، އަލުން އަރައި އެއްވަނައަށް ވާސިލުވާން ހަވާލުވީ ޓީޓޭއެވެ. ޓީޓޭއާއެކު ބްރެޒިލް އަންނަނީ މުހިއްމު ބަދަލުތަކެއް ގެންނަމުންނެވެ.