އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރި ތިން މީހުންނަކީ ސ. ހިތަދޫ، ފިނިފަރު، ހަސަން އާމިރު (25އ) އާއި ސ. ހިތަދޫ، ބުލޫބާރޑް، ހޫދު ލަތީފް (24އ) އަދި ސ. ހިތަދޫ، މަންދޫބުގެ، ހުސައިން ސިމާހު (27އ) އެވެ.

މި ތިން މީހުންގެ ތެރެއިން ހޫދު ލަތީފަކީ މި މައްސަލައާ ގުޅިގެން ބުދަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އެދުވަހު ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެއާއެކު މި މައްސަލައިގައި ޖުމުލަ ފަސް މީހަކު މިހާތަނަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ ކުރިން މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ސ. ހިތަދޫ, ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ) އަދި އުމުރުން 23 އަހަރުގެ ސ. ހިތަދޫ، ކޯޅި، މުހައްމަދު ޔާމީން ނަސީރެވެ.

މިމަހުގެ އެކަކުން ފެށިގެން އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި ހޯދައި، 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައިގައި ހައްޔަރު ކުރި އަށް މީހަކު ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އެމީހުން ވަނީ ދޫކޮށްލައިފައެވެ.