ހއ. ދިއްދޫން އިތުރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން މިރޭ ބުނީ، މިއަދު ނަތީޖާ ލިބުނު ފަސް ސާމްޕަލްގެ ތެރެއިން ޕޮލިސް ކްލަސްޓާއާ ގުޅޭ ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހާއަކީ މިމަހުގެ ހަތް ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން މީހެއްގެ ކޮންޓެކްޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.

މި ކޭސްއާއެކު ދިއްދޫން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.

އުތުރު ޕޮލިސް ކްލަސްޓާގައި ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން މިމަހުގެ ހަތަރު ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުންނެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާ އަކީ ފަހުގެ ތާރީހެއްގައި މާލެ އައިސްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އެކި މަސައްކަތްތަކުގައި އެހެން ރަށްރަށް ދިޔަ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެ ކޭސްއާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެރަށްތައް ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.