އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކުރީ އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އާދީއްތަ ދުވަހު އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
ބޮންޑާގެ އެކުވެރިއަކު "ވަން" އަށް ބުނީ، ބޮންޑާ ބަންދުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކަމަށެވެ.
އެއްވެސް މީހެއްގެ ނަން ހާމަނުކޮށް ފުލުހުން ބުނީ، އެ އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކު މިއަދު ބަންދުން ދޫކޮށްލައިފަ އެވެ. އެމީހުން ދޫކޮށްލީ ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 98.6 ކިލޯ މަސްތުވާތަކެތި ހޯދައި، 14 މީހަކު ހައްޔަރުކުރި އެވެ. އަދި އޭގެ ތެރެއިން އެކަމުގައި އިސްކޮށް އުޅުނު ސ. ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އާއި ސ. ހިތަދޫ / ކޯޅި، މުހައްމަދު ޔާމީން ނަސީރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު