ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން 24،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިމަނައި ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އަލުން ހުޅުވި ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއަރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 223 ޓޫރިސްޓު އެސްޓެބްލިޝްމަންޓު ހުޅުވާފައިވާ ކަމަށާއި ޓޫރިސްޓު ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތައް ހިމެނޭހެން މިހާތަނަށް 24،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވައި، ލޯކަލް ޓޫރިޒަމް ފަށައިގަތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ހެޔޮ ބަދަލެއް އައިސް، ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ފުރަތަމަ މަހުގެ ތެރޭގައި އައީ އެންމެ 1،752 ޓޫރިސްޓުންނެވެ. ނަމަވެސް މި އަދަދު އިތުރުވެ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 9538 އަށް އަރައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖެއަށް 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. އެއާއެކު ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 22،000 އަށްވުރެ މައްޗަށް އަރައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު